މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެފައިވާ 3400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމަވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ކައުންސިލްގެ މި ދައުރުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެން ދިޔައިރު، ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތުގައިވެސް މިހާތަނަށް "ސިމެންތި ހަންޖެއް" ވެސް ޖަހާލެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން އާތިފް ވިދާޅުވީ، ރައީސް މުއިއްޒުގެ 2000 ހައުސިންގ ޔުނިޓްގެ ވައުދުގެ އިތުރުން، ކުރީގެ ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ 1500 ހައުސިންގ ޔުނިޓްގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 3400 ހައުސިން ޔުނިޓުގެ މަސައްކަތް ކުޅުދުއްފުށީގައި މި ދައުރު ތެރޭގައި ނިންމާނެ ވާހަކަ ރައީސް މުއިއްޒު ވިދާޅުވެފަވާކަމަށް އާތިފް ވިދާޅުވި އެވެ. 

 ދެން އަނެއް ދެއަހަރު ބައިން، އަޅުގަނޑު ވަރަށް އުފާވާނެ 3400 ހައުސިންގ އުނިޓް، ރައީސް މުއްޒު ކުޅުދުއްފުށީގަ އަޅައިދީފިއްފާ. އަޅުގަނޑު ހަމަ ޔަގީނުންވެސް އޭރުން ވޯޓް ދޭނަން. އެ 3400 ހައުސިންގ ޔުނިޓްގެ މަސައްކަތް ރައީސް މުއިއްޒުގެ މި ދައުރު ތެރޭ ނިންމަވާފަ، ވޯޓަށް އައްސަވައިފިއްޔާ އަޅުގަނޑު ވޯޓު ދޭނަން
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް

މޭޔަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި މި މަޝްރޫއުތަކުން އަމަލީ އެއްވެސް މަސައްކަތެއް ފެނިފައި ނުވީނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތްތައް ނިމިގެންދިއުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.