ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޯގުރާމުގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް އަވަހަށް ކަންކަން ބަދަލުކުރާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނާއި ގައުމަށްވާ ފައިދާއަށް ވުރެ ބޮޑަށް ސަރުކާރުން ބޭނުންވާ ވަކި ކަމެއް ހާސިލް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ބޭހާއި ޑޮލަރުގެ މައްސަލާގައި ވެސް ފެންނަނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. 

ގައުމުގެ މާލީ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އާމްދަނީ އިތުރުވާ ކަމަށާއި، ރައްޔިތުންގެ އަތުން އެފައިސާ ސަރުކާރުން ހޯދާ ކަމަށެވެ. ރައްޔިތުންނަށް ދަތިވި ނަމަވެސް އެނޫން ގޮތެއް ނެތުމުން އެ ދައްކަން ޖެހޭ ފައިސާއެއް ދައުލަތަށް ދައްކާ ކަމަށާއި، ނަމަވެސް ވޯޓުގެ ނަތީޖާއިން މިކަންކަމާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ދައްކާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މިހާރު ސަރުކާރުގެ އެކަމުގައި ގެންގުޅޭ މިހާރު އަޅުގަނޑުމެން މި ކިޔަނީ ގީލާ ތިޔަރީ. އެ ތިޔަރީ ބޭނުންކުރީމަ މިކަން ހުއްޓޭނެ. މިހާރު ވަގު ޑޮލަރު ބްލެކް މާކެޓެއް އުފެދުނީ. މިހާރު ބްލެކް މާކެޓަށް ނިންމާލަނީ ނޫން. ބީއެމްއެލުން ރަސްމީކޮށްލަނީ ބްލެކް މާކެޓް. އެހެންވީމަ ބްލެކް މާކެޓް ދިޔައީއޭ. މި ސިނގިރެޓް. ވަގަށް މިގެންނަ ސިނގިރޭޓް ވެސް ވެސް ދެން ދާއިމީ ކޮށްލާނީ. ކޮންމެވެސް ގާނޫނީ ހައިސިއްޔަތެއް އެއަށް ދީފަ އެކަން އެގޮތަށް މިހާރު ބޭހުގެ މައްސަލައަށް ޙައްލުކުރީމަ. އެ ހުރި ބޭހެއް ކާށޭ، ފަރުވާ ބޭނުމެއް ނޫނޭ ބޭސް ލިބޭ ގޮތް ހަދައިފިތާ ގީލާ. މިހާރު ކުންފުނި ބަދަލުކޮށްފައި ސަރުކާރުން ބޭސް ވިއްކާ ގޮތަށް ހަދާ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ފުޓްބޯޅަ މެޗެއްގައި މޮޅު ވަނީ ގޯލް ޖަހައިގެންކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ބައިކޮޅަށް ޖެހުމުން ބަލިވާކަން އެމަނިކުފާނަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވީމަ ރައީސް މުއިއްޒަށް މި އެނގެނީ ފުޓްބޯޅަ މެޗެއްގައި މޮޅު ވަނީ ގޯލް ޖަހައިންކަން. ނޭނގި އޮތް ތަންކޮޅަކީ ބައިކޮޅަކަށް އަދި ޖެހިޔަކަސް މޮޅެއް ނުވާނެ. އެކަމެއް އޭނައަކަށް ނޭނގޭ. އެހެންވީމަ މިހާތަނަށް މި ޖެހީ ކޮންމެ އެއްޗެއް ބައިކޮޅެއް ނޫން. ދެ އަހަރު ބައިވަންދެން ބައިކޮޅަށް އެ ޖެހީ. ދެން ނަތީޖާ އަންނައިރު މިއޮންނަނީ ބަލިވެފައި.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް މުޅިން ވެސް ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމަށާއި، އެކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.

އެހެންކަމުން ރައްޔިތުން ވެސް ސަރުކާރާ ދެކޮޅަށް މަގު މައްޗަށް ނުކުމެ އަބަދު ހަޅޭ ނުލެވި ނަމަވެސް އިންތިޚާބާ ދިމާކޮށް ލިބޭ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައިން ރައީސް މުއިއްޒު ބަލި ކުރާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.