ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓަކަށް މާލީ ވުޒާރާގެ ހުއްދަ ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ޢާޠިފް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައިފަހުން ކުޅުދުއްފުށީގައި އެއްވެސް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ސަބަބުން، ކައުންސިލުން އަމިއްލައަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް 27 ފެބްރުއަރީ 2024 ގައި މާލީ ވުޒާރާގެ ހުއްދައަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނު ފަހުން ސިޓީ ކައުންސިލުން ވާނެ، އެއީ ހުރިހާ ހައުސިންގ ޕްރޮޖެކްޓްތައް ހުއްޓިފައި ހުންނާތީ ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ގެންދަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މާލީ ވުޒާރާގެ ހުއްދައަށް އެދިފައި. އެކަމަކު އަދި އަދަށްވެސް އަޅުގަނޑުމެންނަށް ހުއްދައެއް ނުލިބޭ،
 ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 30 ޑިސެމްބަރު 2022 ގައި 400 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވެ އެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ހުއްޓިފައިވާ ކަމަށް ޢާޠިފް ފާހަގަކުރެއްވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ރިއަލް އެސްޓޭޓް އުސޫލުން ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ކައުންސިލަށް ކުރެވިދާނެ ކަމެއް ކަމަށާއި، އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިންވެސްޓަރުންވެސް އެބަހުރި ކަމަށެވެ. އަދި މާލީ ވުޒާރާ އިން މިއަދު ހުއްދަ ދީފިނަމަ، މާދަމާ ވެސް އެ މަސައްކަތް އަމަލީގޮތުން ފެށޭނެ ފަދަ ތައްޔާރީ ހާލަތެއްގައި ކައުންސިލް އޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ކައުންސިލުން ހުށަހަޅާފައިވާ މި މަޝްރޫޢަށް ހުއްދަ ނުލިބި ލަސްވަމުންދާތީ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.