ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

މިކަމާ ގުޅިގެން އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2026 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 116 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ކައުންސިލް މެންބަރުކަމުގެ މަޤާމުން ވަކިވާނެ އެވެ.

އެލްޖީއޭގެ ބޯޑުން 30 ޖޫން 2026 ގައި ބޭއްވި މި އަހަރުގެ 8 ވަނަ ބައްދަލުވުމުގައި ވަނީ ޝުޖާއު އަލީ މަޤާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މަޤާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފަ އެވެ.

މިމައްސަލައިގައި ވަކިގޮތެއް އަންގަންދެން މަޤާމުން އެކަހެރިވުމަށް އެލްޖީއޭއިން ވަނީ، މިދިޔަ މަހުގެ 5 ވަނަ ދުވަހު ޝުޖާއު އަށް އަންގާފަ އެވެ.

ޝުޖާއު އަލީ އަކީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ. މިއީ މި ޤާނޫނީ ހުކުމް މިގޮތަށް ތަންފީޒުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ޝުޖާޢު އިންތިޚާބުވީ، ދަ ޑިމޮކްރެޓިކްސްގެ ޓިކެޓުގަ އެވެ. އިންތިޚާބުވުމަށްފަހު އޭނާވަނީ، އެމްޑީޕީއަށް ބަދަލުވެފަ އެވެ.

ޝުޖާއު އަކީ އެމްޑީޕީއާ ގުޅުނު ފަރާތެއް ކަމަށްވާއިރު، މި ފަހުން ބައެއް ކައުންސިލަރުން ސަރުކާރު ހިންގާ ޕީއެންސީއާ ވެސް ގުޅިފައިވެ އެވެ. ނަމަވެސް އެ ފަރާތްތައް ރަސްމީކޮށް ދަފްތަރުވި ތާރީޚެއް ސާފުނުވާތީއާއި، އެފަދަ މައްސަލައެއް އެލްޖީއޭ ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.