ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި
ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ
މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް
ވިދާޅުވީ ދުންފަތް އަގުހެޔޮ ކުރީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ކަމަށާއި އާމްދަނީ
ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް މިސަރުކާރުން ކޮށްފާނެ ކަމަށެވެ. މައުރޫފް
މިހެން ވިދާޅުވީ އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ކުރުމަށް
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވި ވާހަކަ އަށް އަލި އަޅުވާލަމުން އެވެ.
އާމްދަނީގެ ބޭނުމަށް ދުންފަތް އަގުހެޔޮ މިކުރީ، އެކަމަކު ދުންފަތާ ދެކޮޅަށް ކުރަނީ ޖިހާދު އެހެންވީމަ މީގެ ނުރައްކަލަކީ އާމްދަނީ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ).
މައުރޫފް ވިދާޅުވި ގޮތުގައި ރައީސް ގެންދަވަނީ "ރޯމާ ދުވާލު" ދޮގު
ހަދަމުން ކަމަށެވެ. އަދި އެދޮގުން ސަލާމަތް ނުވީމާ، މިހާރު ތިމަންނަ އަށް ވިސްނިއްޖެއޭ ވިދާޅުވެ އެކަން ބަދަލު ކުރަނީ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ކަނޑައެޅިގެން ރޯމާ ދުވާލު ދޮގު ހަދަމުން އެދޮގުން ސަލާމަތް ނުވެގެން، ސަލާމަތް ނުވީމައި މިބުނަނީ މިހާރު ތިމަންނާއަށް ވިސްނިއްޖެ އަލުން ރަނގަޅު ކުރީއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ޑިމާންޑް ކުރީމަ ބަދަލުކުރީއޭ.ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ).
މީގެ އިތުރުން ރައީސް މުޢިއްޒު ދައްކަވާ ވާހަކައިގައި އެއްވެސް އިހުލާސްތެރި ކަމެއް
ނުހުންނަ ކަމަށާއި، ހިތުހުރި ގޮތަށް ކަންތައް ނުކުރުމަށް ރައީސް ވިސްނަންޖެހޭ
ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.