ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ފަރާތުން އައްޑޫ އިން ސީދާ ޖިއްދާއަށް ކުރާ ތާރީޚީ ފުރަތަމަ ދަތުރުގެ ބައިވެރިން 2026 ޖުލައި މަހުގެ 12 ވަނަ ދުވަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނެ ކަމަށް ދަތުރުވެރިޔާއިން ހާމަކޮށްފި އެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިން ސީދާ ޖިއްދާއަށް ކަމަށްވާއިރު މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުޅުލެ ނޫން އެހެން ސަރަހައްދަކުން ޑައިރެކްޓްކޮށް ޖިއްދާ އަށް ދެވޭ ފަހަރެވެ. މިއީ މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން ތަޢާރަފްކުރާ ދަތުރުތަކަށްވާއިރު، ޖުލައި މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފްލައިޓް ބާއްވާނެ ކަމަށް ދަތުރުވެރިޔާއިން މައުލޫމާތުދެ އެވެ.

ދަތުރުވެރިޔާގެ އުމްރާ ދަތުރުތަކާ ބެހޭ މައުލޫމާތުތައް އައްޑޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނާ ހިއްސާކުރުމަށާއި އައްޑޫ-ޖިއްދާ ރޫޓުގެ ފުރަތަމަ ދަތުރުގައި ބައިވެރިވާ އުމްރާވެރިންނާއެކު ބާއްވާ ހާއްސަ ޖަލްސާއަށް އައްޑޫ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަތުރުވެރިޔާގެ ފަރާތުން ދައުވަތު އަރުވަ އެވެ.

އެގޮތުން މި ޖަލްސާ އޮންނާނީ 2026 ޖުލައި 04 ވަނަ ދުވަހު އައްޑޫ ހައި ސްކޫލް ހޯލްގަ އެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް އައްޑޫ ހައިސްކޫލަށް ދިއުމަށް އެމްޓީސީސީގެ ބަސް ހަމަޖެހިފައިވާނެ ކަމަށާއި ބަހުގައި މި ޖަލްސާއަށް ދާ ފަރާތްތަކުން 7 ޖަހާއިރަށް އެމްޓީސީސީގެ ބަސް ސްޓޮޕްތަކަށް ނިކުތުމުން ދެވޭނެ ކަމަށް ދަތުރުވެރިޔާއިން މައުލޫމާތުދެ އެވެ.

އައްޑޫ އިން ސީދާ ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް ދާ ފަރާތްތަކަށް 46 ކިލޯގެ ލަޖެގް ގެންދެވޭނެ އެވެ.

އުމުރާގެ އަޅުކަމަށް ފުރަން ތައްޔާރުވަމުންދާއިރު މިވަގުތު ދަތުރުވެރިޔާގެ ފަރާތުން ގެންދަނީ، ހާޖީންނާ ހަމައަށް ދޮރުން ދޮރަށް އުމުރާ ކިޓްތައް ހަވާލުކުރަމުންނެވެ. ދަތުރުވެރިއާ އިން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ތެރޭގައި އައްޑޫ އިން ފުރާ ޢުމްރާވެރިންގެ ލަގެޖް ދޮރުން ދޮރަށް ގޮސް ކަލެކްޓް ކުރުމާއި އަދި ފަސް އުމުރާ ކުރުމުގެ ފުރުޞަތު ދެ އެވެ.

ހަމަ މިއާއި އެކު ޢުމްރާވެރިން އުމުރާގެ އަޅުކަމާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ގިނަ އޮންލައިން ސެޝަންތައް ކުރިއަށްގެންދެ އެވެ. އަދި އުމުރާގެ އަޅުކަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ފަރާތެއް ނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން މިއަހަރުގެ ޖުލައި، ޑިސެމްބަރ އަދި އަންނަ އަހަރުގެ ރަމަޟާން މަހަށް ވަނީ ދަތުރުތައް ހުޅުވާލާފަ އެވެ. އެގޮތުން މިހާރުން ފެށިގެން ރަޖިސްޓަރ ކޮށްގެން ދަތުރުގެ ޖާގަ ttumurah.com ކަށަވަރު ކުރެވޭނެ އެވެ.

އައްޑޫ ސިޓީގެ މަރަދޫގައި މިހާރު ދަތުރުވެރިޔާގެ އޮފީހެއް ހުޅުވާފައި ހުރި އިރު، ހިތަދޫގައި ވެސް ވަރަށް އަވަހަށް އޮފީހެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި ދަތުރާ ގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ ދަތުރުވެރިޔާގެ ހޮޓްލައިން ނަންބަރު 1510 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.