އިންޑިއާގެ "ވިޜަން ސާގަރް" ސިޔާސަތުގެ ދަށުން ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުން ބަދަހިވަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް "ސެއިލިންގ ދަ މަހާސާގަރް ޓުގެދަރ" ނަމުގައި ފޮތެއް ނެރެފި އެވެ.

މި ގޮތުން މަނޯހަރް ޕައްރިކަރް އައި.ޑީ.އެސް.އޭ ގެ އެސޯސިއޭޓް ފެލޯ، ޑރ. ގުލްބިން ސުލްތާނާ ލިޔުއްވާފައިވާ "އިންޑިއާ-މޯލްޑިވްސް ޑިފެންސް ޕާޓްނަރޝިޕް ވިތިން ދަ ފްރޭމްވޯކް އޮފް ވިޜަން ސާގަރް" ނަމަކަށް ކިޔާ ބާބު، "ސެއިލިންގ ދަ މަހާސާގަރް ޓުގެދަރ: އިންޑިއާ-މޯލްޑިވްސް ރިލޭޝަންސް" ފޮތުގައި ޝާއިއުކޮށްފައިވެ އެވެ.

ސެންޓަރ ފޯ ޕަބްލިކް ޕޮލިސީ ރިސާޗާއި އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް ގުޅިގެން ނެރުނު މި ފޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމުގެ އެކި ދާއިރާތަކުގެ މައްޗަށް ދެ ގައުމުގެ މާހިރުން ލިޔުއްވާފައިވާ 10 ބާބެއް ހިމެނެ އެވެ.

މި ފޮތުގައި، އިންޑިއާގެ "ވިޜަން ސާގަރް" (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) ސިޔާސަތުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ދިފާއީ ގުޅުމުގެ އިސްތިރާތީޖީ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ. ޑރ. ގުލްބިން ލިޔުއްވާފައިވާ ބާބުގައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމުގެ ތެރެއިން ދެ ގައުމުގެ ސަލާމަތީ އެއްބާރުލުން ކުރިއަރަމުން އައިސްފައިވާ ގޮތް ވަނީ ދިރާސާކޮށްފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމުގައި ދިވެހިރާއްޖެއަކީ މުހިންމު ބައިވެރިއެއްކަން މި ބާބުގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ޑިޕްލޮމޭޓުންނާއި، އިސްތިރާތީޖީ ދިރާސާވެރިންނާއި، އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބޭފުޅުން ވަނީ ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ މަސްރަހުގެ ތެރެއިން ދެ ގައުމުގެ ގުޅުން ކުރިއަށްދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފަ އެވެ. މި ފޮތަށް ލިޔުއްވި މާހިރުން ފާހަގަކުރެއްވި ގޮތުގައި، ދޭތެރެއަކުން ސިޔާސީ ގޮތުން ބަދަލުތަކެއް އައި ނަމަވެސް، އިންޑިއާއާއި ރާއްޖޭގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތުތައް ވަނީ ވަރަށް ބޮޑަށް ލާމެހިފަ އެވެ.

މި ފޮތަކީ ދެ ގައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ހާރިޖީ ގުޅުމުގެ ތާރީހު ދިރާސާކޮށް ލިޔެކިޔުމުން ރައްކާކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެކެވެ. މިއީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެ ފުރިހަމަ މަސްދަރެއް ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.