ފުލުހުންގެ ހަގީގީ ކާމިޔާބީ އަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ  ފަރުވާއަކަށް ފުލުހުން ވާންޖެހޭ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޕާސިންގ އައުޓް ޕެރޭޑްގައި، ސީޕީ ވިދާޅުވީ، ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ހަގީގީ ކާމިޔާބީ އަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށެވެ. 

ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ފުލުހުންގެ ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. 

ސީޕީ ވިދާޅުވި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށްވާއިރު، ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭ ކަމަށެވެ. 

މީގެ އިތުރުން ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވި އެވެ.

ސީޕީ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ކޮމިޝަނަރގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ވެސް  ސީޕީ އެދިވަޑައިގެންނެވި އެވެ.