ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން އެވެ.

ފުލުހުން ބުނީ، 15 ފެބްރުއަރީ 2026 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވި ކަމަށާއި، 4 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ދަސްވެނިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުން ކަމަށް ފުލުހުން ބުނެ އެވެ. 

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލު ކޮށްދެއްވީ ވަޒީރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

ކޮމިޝަނަރސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.

މީގެ އިތުރުން، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން އަލީ އެވެ.

ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ހޮވާފައިވެއެވެ. އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަހުމަދު ޒައިން އަމްޖަދު، ބީފާން ސްކޮޑުން ކޮންސްޓަބަލް ރާކިން އަހުމަދު، ހާޖީ ސްކޮޑުން ކޮންސްޓަބަލް އިބްރާހީމް އިރްފާހް، އަދި ރަންވިއްކާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަހުމަދު ޝިޒާނެވެ.

މުޅި ކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވިފފައިވަނީ އައިނެއްލާ ސްކޮޑެވެ. އައިނެއްލާ ސްކޮޑަށް ޝިލްޑް ހަވާލު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

ފުލުހުން އަސާސީ ތަމްރީނު ކޯހަކީ، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އިލްމީ އަދި ފަންނީ ހުނަރުތަކުގެ އިތުރުން، އަހުލާގީ ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގެ މަންހަޖުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގގެ އުސޫލުތަކާއި، ގާނޫނު ތަންފީޒުކުރުމުގެ ފަންނީ ހުނަރުތަކުގެ އިތުރުން، ޒަމާނީ ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން ތަމްރީނު ދިނުން ހިމެނެ އެވެ.

މި ކޯސް ފުރިހަމަކުރި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފުލުހުން ބުނެ އެވެ.