ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބުރާސްފަތި ދުވަހުގެ ރޭ ޝަރަފްވެރިކޮށްދެއްވައިފި ކަމަށް ރައީސް އޮފީހުން ހާމަ ކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފަ އެވެ. ދިވެހިރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރި އެވެ.

ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރަކީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރުކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީޚީ ދުވަހުގެ ގޮތުގައި ސިފަކުރެއްވި އެވެ.

ގަރލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ދިވެހިރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ.

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވި އެވެ. ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔަ އެވެ.

1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފަ އެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.