ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ބިންގާ އެޅުއްވި ފަހުން، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.
ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވި ގޮތުގައި، 25 އޮގަސްޓް 2025 ގައި ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ބިންގާ އެޅުމުގެ ގޮތުން އޮއްސާލެއްވި ކޮންކްރީޓް ކޮޅު ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ހިނގާފައެއް ނުވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އޭރުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގެން މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.|ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ވަޑައިގެން، އަޑުއެހިން ނޫންތޯ މި ރާއްޖެތެރޭ ރަށްރަށުގައި ބިންގާތައް އެޅި ވާހަކަ. އެއީ 25 އޮގަސްޓް 2025 ގައި މިރަށަށްވެސް އައިސް މި ބިންގާތައް އެޅީ. މިހާރު ބައްލަވާލެއްވިޔަސް މި ފެންނަނީ ހަމަ އެގޮތަށް،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

އޭނާ އިތުރަށް ވިދާޅުވީ، މިއީ 30،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އިމާރާތްކުރަން ނިންމާފައިވާ ދެބުރީގެ ހޮސްޕިޓަލެއް ނަމަވެސް، މިހާތަނަށް ކޮނެލާފައިވަނީ ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށެވެ. އަދި އެތަން މިހާރު އޮތީ ފެން ހެދިފައި ކަމަށާއި، ބިންގާ އެޅި ދުވަހު ކުރި މަސައްކަތަށް ފަހު އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެދުވަހު އޮއްސާލި ކޮންކްރީޓާ، ދެން އޭގެ ގާތްގަނޑަކަށް ދެތިން ދުވަސް ފަހުން ފޮޓޯއެއް ނަގާލަން ކުރި މަސައްކަތެއް މިއީ. މިތަން އޮތީ އާރްޑީސީ (RDC) އާ ހަވާލުކޮށްފައި. އެކަމަކު މައުލޫމާތު ލިބޭ ގޮތުގައި އާރްޑީސީން މި މަސައްކަތް ވަނީ ތަރޑް ޕާޓީއަކަށް ދީފައި. އެހެންވެ މަސައްކަތް ނުހިނގާ ހުއްޓިފައި މި އޮންނަނީ،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ދަތިތަކަށް ހައްލެއް ހޯދުމަށް ފެށި މި މަޝްރޫއު ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ. މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީ އިން ތަރޑް ޕާޓީއަކަށް މަސައްކަތް ދޫކޮށްލުމުގެ ސަބަބުން، މަޝްރޫއު ކުރިއަށް ނުގޮސް އޮތް އޮތުމަކީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.