ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ.އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި ކަމަށާއި، އެކަމުގެ ސަބަބުން މުޅި ރަށް ގިރަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ކުރީގެ މެންބަރު ޝިފާއު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިހަވަންދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިންމާފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށް، ޓާފް ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ޒުވާނުންނާ ހަވާލުކުރި ކަމަށާއި، ފެނަކަ އައު އޮފީސް އިމާރާތް އަޅައި ރައްޔިތުންނަށް ދެމުންދިޔަ ޚިދުމަތްތައް އެތައް ގުނައަކުން ރަނގަޅު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ކަމަށެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު ވާހަކަ ދައްކަވަނީ.|ރާއްޖެއެމްވީ
އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައިރު އެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓި، ރިވެޓްމަންޓް ނުޖަހާ އޮތުމުގެ ސަބަބުން ބޮޑު ސަރަހައްދެއް ގިރާގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރަށުގެ ފަޅުތެރެއިން ވެލި ނަގައި، ހިއްކަމުން ދިޔަ ސަރަހައްދަށް ވެލި އެޅި ކަމަށާއި، އެކަމުގެ ނުރައްކާ މިހާރު ކުރިމަތިވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ރަށެއް އެރަށުގެ ފަޅުތެރެއިން ވެލި ނަގައިގެން ހިއްކުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން ކަމުގަ އެވެ.
އީއައިއޭ ރިޕޯޓާ ހިލާފަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ސަބަބުން މިހާރު މުޅި ރަށް ގިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ހިއްކި ފަސްގަނޑު ވެސް ގިރަމުންދާ ކަމަށާއި، އަދިވެސް މަޝްރޫއު ފުރިހަމަކޮށް ނިންމާނުލެވޭ ކަމަށެވެ.
އަޅުގަނޑު މި ދެންނެވި 100 މީޓަރު ރިވެޓްމެންޓް ނުޖަހާ އޮތް ތަންކޮޅުން ގާތްގަނޑަކަށް ހަމަ 2 ހެކްޓަރުގެ ވެލި ގިރާ ގެންގޮސް ނިމިއްޖެ. ދެން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް މި ކުރި ކަމަކީ، އެއްކަލަ ބިން ހިއްކައި ނިންމުމުގެ ނަން ހޯދަން އެއް ކަމަކަށް ބޭނުންވީ. އަނެއް ކަމަކަށް ބޭނުންވީ، އެމްޓީސީސީން ޕްރޮޖެކްޓުގެ މަސައްކަތް ނިންމައި ސަރުކާރަށް ބިލްކޮށް އެ ފައިސާ ނަގަން. އެ ބޭނުންވާ ކުރި ކަމަކީ، ރަށު ބޮޑު، ރަށު ފަޅުތެރެއިން ވެލި ނަގާ އެއްކަލަތަނަށް ވެލިއެޅީ. މިއަދާ ހަމައަށް ވެސް، މިއަދު ވެސް އިހަވަންދޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްދަތިކަމަކީ، ރަށު ފަޅުތެރެއިން ވެލި ނަގައި، ރަށުގެ ވެލިގިރި ސަރަޙައްދަށް ވެލިއެޅުމުގެ ސަބަބުން މިއަދު އަނެއްކާ މުޅި ރަން އެއްކޮށް ގިރަމުން މިދަނީ.ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު
މީގެ އިތުރުން ޝިފާއު ވިދާޅުވީ، ކުރީ ސަރުކާރުގައި އިހަވަންދޫގައި މަސް ފެކްޓްރީ އާއި މަސް ބަނދަރެއް ގާއިމު ކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ކަމަށެވެ. އަދި މިސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް މިމަޝްރޫއުތަކުގެ ބިންގާ އެޅި ނަމަވެސް މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.