ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދައުލަތުގެ އެކި އިދާރާތަކުން ދައްކަންޖެހޭ ކަރަންޓު
ބިލުތަކާއި އެހެނިހެން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު 948
މިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ
އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު އާންމުކުރުމާ ގުޅިގެންނެވެ.

އޮޑިޓް ރިޕޯޓުގައި
ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް މިދިޔަ އަހަރު ލިބެންޖެހޭ ފައިސާގެ ޖުމުލަ
އަދަދު 948 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު
22 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިއީ ކުންފުނީގެ މާލީ ހާލަތަށް އޭގެ ނޭދެވޭ
އަސަރު ފޯރާފާނެ ފަދަ ބޮޑު އަދަދެއްކަން ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްޓެލްކޯއަށް
ފައިސާ ދައްކަންޖެހޭ އިދާރާތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ
މިނިސްޓްރީ އޮފް ފައިނޭންސް ނުވަތަ މާލީ ވުޒާރާއިންނެވެ. ރިޕޯޓުން ދައްކާ ގޮތުގައި
މާލީ ވުޒާރާއިން އެކަނިވެސް 300 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސްޓެލްކޯއަށް
ދައްކަން އެބައޮތެވެ.

މީގެ އިތުރުން
ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ހިމެނޭހެން
ޖުމުލަ 19 އިދާރާއަކުން ސްޓެލްކޯއަށް ބޮޑެތި އަދަދުތަކުން ދަރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ސަރުކާރު
ވެރިކަމާ ހަވާލުވި ފަހުން ސްޓެލްކޯގެ ހިންގުމުގެ އޮނިގަނޑަށާއި އިސް މަގާމުތަކަށް ދޭތެރެ
ދޭތެރެއިން ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކާ
ގުޅިގެން ކުންފުނީގެ ހިންގުމުގައި އެއްވެސް ހަމަޖެހުމެއް ނުވަތަ ސްޓެބިލިޓީއެއް ނެތް
ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.