ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހަމަޖައްސައިދީފި އެވެ.
މި ހާދިސާ ހިނގިކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:10 ހާއިރު އެވެ. އަދި މި ރިޕޯޓު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރު ކަމަށެވެ.
މިހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭ އިން ފުލުހުންނާ ހަވާލާދީ ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ، 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ 2 އެޕާޓްމަންޓަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި، އެތަންތަނުގައި ދިރިނުޅޭވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔަ 7 ދިވެހިންގެ ތެރެއިން 5 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި، އަންހެން ކުއްޖެއް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި އެކަކުގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވާ ކަމަށާއި، އޭނާ ގެ ހާލު ވެސް ރަނގަޅު ވަމުންދާ ކަމަށެވެ. އަދި އެހެން އެންމެނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ ދުމުގެ އަސަރުކުރި އެޕާޓްމަންޓަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށެވެ.
އެގޮތުން 8 ދިވެހިންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ
އެންޑީއެމްއޭއިން ބުނީ ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެ އާއިލާއަށް ބޭނުންވާ ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެޕާޓްމަންޓް އެކީގައި އަނދާފައިވާއިރު، ފަރުނީޗަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.