އިމްތިހާންތަކާ ދިމާކޮށް ދަރިވަރުން ދަނާލުން ނުނެރޭނެ ކަމަށާއި، ތަން ހުސް ކުރުމަށް ވެސް ނާންގާނެ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބުނެފި އެވެ. 

އެމްއެންޔޫއިން މިހެން ބުނެފައި މިވަނީ ދަރިވަރުންގެ އިމްތިހާންއާ ދިމާކޮށް މާލޭގައި ހުންނަ މަޖުދުއްދީން ދަނާލު ހުސް ކުރުމަށް އަންގަމުންދާ ކަމަށް ބުނެ، އަޑު ފެތުރިފައިވާތީ އެވެ. 

މި މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެމްއެންޔޫއަށް ގުޅުމުން، އެ ތަނުގެ މުވައްޒަފެއް ބުނީ، ދަރިވަރުންގެ އިމްތިހާންއާ ދިމާކޮށް އެތަން ހުސް ކުރުމަށް ނާންގާނެ ކަމަށާއި، އޮންނަ އުސޫލުގެ ތެރެއިން ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. 

ދަނާލަށް ވަނުމަށް އެދި ގިނަ ދަރިވަރުން ފޯމް ހުށަހަޅާކަން ފާހަގަކޮށް މުވައްޒަފު ބުނީ، ދަނާލުން ޖާގަ ދެމުންދަނީ އެކަޑަމިކް އަހަރަށް ބަލައި އަހަރު ދުވަހަށް ކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް އަލަށް މާލެއަށް އަންނަ ދަރިވަރުންނަށް އިސްކަން ދޭ ކަމަށް އެމުވައްޒަފު ބުންޏެވެ. އަދި ދަނާލުގައި އިތުރު ޖާގަ ހުރި ކަމަށްވާނަމަ، ފުރަތަމަ އަހަރު ނިމޭ ދަރިވަރުން ވެސް އެތަނުން ނުކުތުމުގެ ކުރިން އެދަރިވަރުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށެވެ.

އަހަރަކަށް އެނގޭތޯ މި ބަލަނީ. މިސާލަކަށް ޖެނުއަރީން ފެށިގެން އަނެއް އަޅުގަނޑުމެން އެކެޑަމީ އިޔަރ އަކީ ފެބްރުއަރީން ފެށިގެން ނޮވެމްބަރަށް ނޫނީ ޑިސެމްބަރާ ހަމައަށް އިންނާނީ. އަނެއް އަހަރަށް ދާނީ ތެދެއްތޯ. އެހެންވީމަ އަހަރަކަށް ބަލާއިރުގައި ކުއްޖާ ވަދެފައި މިޑް ބްރޭކްގައި ކޮންޓިނިއު. އޭނާ ފަސްޓް ސެމިސްޓަރގައި އަލަށް ވަންނަ ކުއްޖާ ކޮންޓިނިއު ކުރަންޏާ އަޅުގަނޑުމެން ގުރުލާނެ އޭނާ ނިމިގެން ނުކުތުމުގެ ކުރިޔަށް. މިއަދު ލާނެ މި ސެމިސްޓަރގައި ކޮންޓިނިއު ވާނެ ކުދިންނަށް. އެތާ މިހާރު ތިބި ހުރި ކުއްޖާ ކޮންޓިނިއު ވާ ކުއްޖާއަށް މިއަދު ލާނެ އޭ ގުރު. 
އެމްއެންޔޫގެ މުވައްޒަފެއް

އެމްއެންޔޫގެ ދަނާލުތަކުން ޖާގަ ދިނުމުގައި އިސްކަން ދޭނީ ދަނާލު ހުންނަ ރަށުގެ ރަށްވެހިން ނޫން އެހެން ދަރިވަރުންގެ ތެރެއިން ފުލްޓައިމް ފޭސް ޓު ފޭސްކޮށް އެ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކޯސްތަކުގެ ފުލް ލޯޑުގައި ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. ރަށްވެހި ދަރިވަރުންނަށް ޖާގަ ދެވޭނީ ރަށްވެހި ނޫން ދަރިވަރުންނަށް ޖާގަ ދިނުމަށްފަހު އިތުރު ޖާގަ ހުރި ނަމަ އެވެ. 

 ދަނާލުގެ ޖުމްލަ ޖާގައިގެ 50 ޕަސެންޓް ޚާއްސަ ކުރަނީ ޔުނިވާސިޓީއަށް އަލަށް ވަންނަ ދަރިވަރުންނަށެވެ. ދަރިވަރުން ކަނޑައަޅަނީ ގުރުއަތުލައިގެން ކަމަށްވާއިރު، ބާކީ 50 ޕަސެންޓް ކަނޑައަޅަނީ ދެވަނަ ސެމިސްޓަރ ފުލްޓައިމްކޮށް ކިޔަވަމުން ގެންދާ ދަރިވަރުންނަށެވެ.

އެގޮތުން ފުރަތަމަ ޓާމުގައި ތިބޭ ދަރިވަރުން ދެވަނަ ޓާމަށް އެދި ހުށާހަޅައިފިނަމަ ޖާގަ ދެވޭނީ ޝަރުތުހަމަވާ ދަރިވަރުންނަށް ގުރުއަތަކާ ނުލަ އެވެ. ފުރަތަމަ އަހަރު ފުލްޓައިމްކޮށް ކިޔަވަމުން ގެންދާ ދަރިވަރުންނަށް ޖާގަ ދިނުމަށްފަހު އިތުރު ޖާގަ ހުރިނަމަ އެހެން އަހަރުތަކުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލެވޭނެ އެވެ. އަދި ދަރިވަރުން ނަގާނީ ގުރުއަތު ލައިގެންނެވެ.