ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) އުފެދުނުތާ 105 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މި މުނާސަބަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން އެ ޕާޓީގެ ސެންޓްރަލް ކޮމިޓީއަށާއި، އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ޝީ ޖިންޕިންއަށް ތަހުނިޔާގެ މެސެޖުތަކާއި ސިޓީފުޅުތައް ފޮނުއްވި ކަމަށް ޒިންހުއާ އިން ރިޕޯޓުކޮށްފައިވެ އެވެ.
މި މެސެޖުތަކުގައި އެ ގައުމުތަކުގެ ލީޑަރުން ވަނީ ސީޕީސީގެ އިރުޝާދުގެ ދަށުން ޗައިނާގެ ރައްޔިތުން އެކި ދާއިރާތަކުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ސީޕީސީއާއެކު އޮންނަ މުއާމަލާތްތަކާއި އެއްބާރުލުން އިތުރުކުރުމަށް ބޭނުންފުޅުވާކަން އެ ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.
އުތުރު ކޮރެއާގެ ވޯކާސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަދި އެ ގައުމުގެ ރައީސް ކިމް ޖޮންގ އުން ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވަނީ އެކި ކަހަލަ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމުގައި ޗައިނާގެ ރައްޔިތުންނަށް މަގުދައްކައިދީ، ހުރިހާ ގޮތަކުން ތަނަވަސް މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި ލަނޑުދަނޑި ހާސިލުކޮށްދީފައި ކަމަށެވެ.
ރާއްޖޭގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު، ޖެނެރަލް ސެކްރެޓަރީ ޝީ ޖިންޕިންއަށާއި ސީޕީސީއަށް ފޮނުއްވި މެސެޖުގައި ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ސީޕީސީގެ ލީޑަޝިޕްގެ ދަށުން ޗައިނާއިން ވަނީ މުޅި ދުނިޔެ ހައިރާންކޮށްލަނިވި ތަރައްގީގެ އަޖައިބުތައް ހާސިލުކޮށް، އިންސާނީ ތަމައްދުން ކުރިއެރުވުމަށް ބޮޑެތި ހިއްސާތަކެއް ވެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން ދެމުންގެންދާ ދިގު މުއްދަތުގެ އެހީތެރިކަމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ޕާޓީއާއި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވިދާޅުވީ، ސީޕީސީ ވެފައިވަނީ ޗައިނާގެ ބާރާއި ތަނަވަސްކަމުގެ ރަމްޒަކަށް ކަމަށެވެ. އަދި އިންސާނިއްޔަތަށްޓަކައި އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ޗައިނާއާއެކު މަސައްކަތް ކުރުމަށް ބެލަރޫސް އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނައުރޫގެ ރައީސް ޑޭވިޑް އަޑިއަންގް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި އެހެނިހެން ގައުމުތަކުގެ ލީޑަރުންވެސް ވަނީ ތަހުނިޔާގެ މެސެޖުތައް ފޮނުއްވާފަ އެވެ. މި މެސެޖުތަކުގައި ޗައިނާއަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާކަން ވަނީ ހާމަކުރައްވާފަ އެވެ.