ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން،
ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 މިލިއަނަށް
ވުރެ ގިނަ ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި
އެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ
ހާދިސާއަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އޭނާގެ
ޓޮންސިލްގައި އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގެ ތެރެއިން،
އޭނާގެ އެއްވެސް ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ،
ބަދަލުގެ ގޮތުގައި 1،080،000 ދިވެހި ރުފިޔާއާއި، 4 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު
ނަގައިދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަދޫ
ނެތްކަން އޭނާއަށް އެނގުނީ އޮޕަރޭޝަން ނިންމުމަށްފަހު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި
އޮއްވައެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކުރި ޑިސްޗަރޖް ސަމަރީގައި ކުޑަދޫ ބުރިކޮށްލިކަމުގެ
އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށާއި، އޭގައި އޮތީ ހަމައެކަނި ޓޮންސިލް ނެގުމަށް
ކުރި އޮޕަރޭޝަންގެ ވާހަކަ އެކަނި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން
ސުވާލު ކުރުމުން، ކުޑަދުލުގެ ވާހަކަ ލިޔެވޭނީ އެކަމަށް ކުރި އޮޕަރޭޝަންގެ ފައިސާ ދެއްކުމުން
ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ދިފާއުގައި ޓްރީޓޮޕް ހޮސްޕިޓަލުން
ކޯޓުގައި ބުނެފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އޮންނަ އިޖުރާއަތުގެ ތެރެއިން
ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ކޯޓަށް ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް
ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ،
މިއީ މި ބާވަތުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ
އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ ދައުވާއެއް ކަމަށެވެ.
ކޯޓުގެ
ހުކުމުގައި ބަޔާންކޮށްފައިވަނީ، ސިއްހީ ހިދުމަތްދޭ ތަނަކުން ދޭ ހިދުމަތަކާ ގުޅިގެން
މައްސަލައެއް ދިމާވެއްޖެނަމަ، އެންމެ ފުރަތަމަ އެ މައްސަލައެއް އެ ހޮސްޕިޓަލަކަށް ހުށަހަޅަން
ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ހޮސްޕިޓަލުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ
އެ މައްސަލައެއް ދެން ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އޮފް ހެލްތަށް ކަމަށްވެސް ކޯޓުގެ
ހުކުމުގައިވެއެވެ. އަދި މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ ނިންމުމާމެދު
ހިތްހަމަނުޖެހޭނަމަ، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިވިލް
ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި އިޖުރާއަތުތައް ފުރިހަމަވެފައި ނުވާތީ، ކޯޓުން ވަނީ
މި ދައުވާ ބޭރުކޮށްލާފައެވެ.