މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. 

މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރައްވާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި، ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވާނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މި އިވެންޓުގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ޚިދުމަތާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.