ކުރީގެ ރައީސުން
މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ
ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ
ކޮމިޓީ (241 ކޮމިޓީން) ނިންމައިފި އެވެ.

އެގޮތަށް
ނިންމާފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި
އެ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެވަގުތު
ކޮމިޓީގައި އިންނެވި މެމްބަރަކު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްއެންޑީއެފްގެ
ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު އިސްލާހުކުރަން އެމްއެންޑީއެފުން ސިޓީއެއްގެ
ޒަރިއްޔާއިން މަޖިލީހުގައި އެދިފައިވާ ކަމަށެވެ.

އެހެންވެ
އެ ހުށަހެޅުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ
ކެލާ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ހުށަހެޅުން ކޮމިޓީގައި
ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން ފާސްކޮށްފައިވަނީ ކުރީގެ ރައީސުން މުޒާހަރާތަކުގައި
އުޅުއްވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު
އިސްލާހު ކުރުމަށެވެ.

މި އުސޫލު
އިސްލާހުކުރުމާ ދެކޮޅަށް ކޮމިޓީގެ ތިން މެންބަރަކު ވޯޓު ދެއްވިއެވެ. އެ ތިން މެންބަރުންނަކީ
ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު
މުޙައްމަދު ނާޒިމް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރެވެ.

މި އިސްލާހު
ގެނައުމަކީ ކުރީގެ ރައީސުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން
ސަރުކާރުން ހަދަމުންދާ އެކި ގޯސްތަކާ ދެކޮޅަށް އަޑު އުފުލުމަށް ހިންގަމުންދާ އެކި
ޙަރަކާތްތަކަށް ހުރަސް އެޅުމަށްޓަކައި ގެންނަން އުޅޭ އިސްލާޙެއްކަމަށް އެކި
ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް، މި އިސްލާޙު ގެނައުމަށް
މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ ކުރީގެ 3 ރައީސުންކަމަށްވާ އިބްރާހިމް
މުޙައްމަދު ސޯލިޙާއި، މުޙައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން އެކުގައި މަސައްކަތް
ކުރައްވަން ނިންމަވާފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެ އެވެ.

ކޮންމެ ޤައުމެއްގައިވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ވަކި ޚާއްސަ އިނާޔަތްތަކާއި ސެކިއުރިޓީ ފޯރުކޮށްދޭ ބަޔަކަށްވާއިރު، ސިޔާސީ ބޭނުމެއްގައި ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ދުރު މުސްތަޤުބަލުގައި އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމުގެ ބިރު އެބައޮތްކަމަށްވެސް އެކި ފަރާތްތަކުން ފާހަގަ ކުރެ އެވެ. 

މީގެ އިތުރުން،  ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ޙަމަލާއެއްވެސް މީގެ ކުރިން ދީފައިވާއިރު، މިފަދަ ގޮތަކަށް އުސޫލު އިސްލާޙު ކުރަން ކޮމިޓީން ނިންމީ އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްވެސް ނެތިއެވެ.