މިއަދު ދިވެހި ރައްޔިތުން ކަންބޮޑުވެގެން ނޫޅޭނެ
ކަމަށާއި، މި ޤައުމުގައި ބޭހާއި ޑޮލަރު، އަދި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް
ނެތި ބަރާބަރަށް ލިބެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު
އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝުޖާއު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާނެ
ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު
މުއިއްޒުގެ ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ. މިއަދު މި ޤައުމުގައި ކަންކަން
ދަނީ ވަރަށް "ބަރާބަރަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮލަރު ލިބުމާ ބެހޭ ގޮތުން މެމްބަރު ވިދާޅުވީ،
ރައްޔިތުންގެ އާންމު ބޭނުންތަކަށް ބަރާބަރަށް ޑޮލަރު ލިބެމުންދާ ކަމަށެވެ. ޑޮލަރު ނުލިބެނީ
ވަގަށް ޓީޓީ ފޮނުވަން އުޅޭ ފަރާތްތަކަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިއަދު މި ޤައުމުގައި ކަންބޮޑުވެގެން
އުޅޭ ރައްޔިތެއް ނެތް ކަމަށެވެ. އަދި ބޭހާއި ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބެމުންދާ
ކަމަށާއި، ރައްޔިތުން ހާސްވާންވީ ކޮން ކަމަކާތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ދިވެހި ރައްޔިތުންނެއް ނޫޅެއޭ ކަންބޮޑުވެގެންނެއް މިއަދު މި ޤައުމުގައި، ބޭސް ބަރާބަރަށް އެބަ ލިބޭ، ކާޑުގެ ބާވަތްތައް ބަރާބަރަށް އެބަ ލިބޭ، ރަމަޟާން މަހެއް އައިސްފިނަމަ ތަކެތީގެ އަގު މައްޗަކަށް ނުދޭ، އެހެންވީމާ ކޮން ކަމަކާ ހާސްވާކަށް، ރައްޔިތުން ނޫޅޭ ހާސްވެގެންނެއް، އެންމެން ހެޕީކޮށް ތިބީ އިއްޒަތްތެރި ރައީސް
 ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

މެމްބަރު އެފަދައިން ވިދާޅުވެފައިވާއިރު، ޒަރޫރީ
ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، އެންމެ ފަހުން އާސަންދައިންވެސް ވަނީ ބޭސް
ލިބުމުގައި ދަތިތައް ހުރިކަން ޤަބޫލުކޮށް މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކާފައެވެ.
އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަން ސަރުކާރުން ނެރޭ މާލީ
ރިޕޯޓުތަކުން ހާމަވަމުންދާއިރު، ޑޮލަރުގެ އަގުވެސް ވަނީ ރެކޯޑު މިންވަރަކަށް
މައްޗަށް ގޮސްފައެވެ.