އައްޑޫ ސިޓީ
ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދިޔަ ގެއެއް 90 ދުވަހުގެ
މުއްދަތަށް ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށް ފިއެވެ.

ފުލުހުން
މައުލޫމާތު ދިން ގޮތުގައި މި އަމުރު ނެރެފައިވަނީ ހިތަދޫ މައިލޯސިޓީ ގެ ބަންދު
ކުރުމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރު 2026 ޖުލައި
1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ހިނގާނެ އެވެ.

ފުލުހުން
މައުލޫމާތު ދިން ގޮތުގައި މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

އެ ގެ ބަންދުކުރުމުގެ
އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ހަށިގަނޑަށް
ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ ކަމަށް
ފުލުހުން ބުނެ އެވެ.

ކޯޓުން ނެރުނު
އަމުރުގައި ބުނެފައިވާ ގޮތުގައި އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ
ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމުގެ އިތުރުން، މީހުންނަށް ނުރައްކާ ކުރިމަތިވަމުން
ދާކަން ފާހަގަކުރެވިފައިވެ އެވެ.

މީގެ އިތުރުން
އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވެ
އެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި
މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

މަސްތުވާތަކެތީގެ
މައްސަލަ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، މި މައްސަލައަށް ހައްލު ހޯދުމަށް
ޤާނޫނުން ލިބިދޭ ބާރުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަންތަން
ބަންދުކުރުން ހިމެނެ އެވެ.