ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު ކުލަ ގަދަކޮށް ފާހަގަކުރުމަށް ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގައި ހުޅުމާލެ ރުއްގަނޑުގަ އެވެ. އަދި ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. 

މި މަޝްރޫއަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނާއިރު، ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އިންތިހާ އަށް ބޮޑު އަގުގައި އޭގައި ކަރަޕްޝަން އެކުލެވޭ ގޮތަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.  ނަމަވެސް މިހާތަނަށް ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން ޖަވާބެއް ދީފައިނުވެ އެވެ. 

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް މީގެ ކުރިން އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި އަލަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ޚަރަދު ކޮށްފައިވެ އެވެ. 

ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޮމްޕެނީ ލިމިޓެޑާ މިމަޝްރޫއު ހަވާލުކުރީ 12 ފެބްރުއަރީ 2024 ގަ އެވެ.  18 އޭޕްރީލް 2024 ގައި އަމަލީ މަސައްކަތް ފަށާފައިވާއިރު، މިމަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް ހުރިހާ ޓަވަރެއްގައި ލިފްޓް ހަރުކޮށް ނިންމާ ބޭނުން ކުރަން ފެށުނީ މިއަހރު ޖޫން މަހުގެ ތެރޭގަ އެވެ.