މިފަހުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންދާ ބިލްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެފައިވާ ވައުދުތައް ބޮލާލާ ޖަހައި، އެ ވައުދުތަކުގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށް ހުށަހަޅަމުންދާ ބިލްތަކެއް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ، މަޖިލީހަށް މިހާރު ފެންނަމުންދާ މަންޒަރަކީ ރައްޔިތުންނަށް ވެފައިވާ އަސާސީ ވައުދުތައް ފުއްދުމުގެ ބަދަލުގައި އެކަންކަން އޮޅުވާލަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
މިފަހުން މިއައި ބިލްތައް އަޅުގަނޑަށް ސިފަވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން މިވެފައި ހުރި ވައުދުތައް ބޮލާލާ ޖަހާ، އޭގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށް ހުށަހަޅާ ބިލްތަކެއްގެ ގޮތުގައި. އިއްޒަތްތެރި ރައީސް، ރައްޔިތުންނާ މުހާތަބުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި، ޕްރިންޓް ކޮށްފައި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ވައުދުނާމާތަކުގައި ހުރި އަސާސީ ކަންކަމުގެ މަތިން ހަނދާން ނައްތާލަން ވެގެން، މުޅި ބަޖެޓު ދަވާލަން ވެގެން މިފަދަ ބިލްތައް މި ހުށަހަޅަނީ،ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
އަމީންގެ ވާހަކަފުޅުގައި އޭނާ ނިސްބަތްވާ ކަނޑިތީމު ދާއިރާގެ ރަށްތަކުގެ ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސަރުކާރަށް ދެ އަހަރު ވެގެންދާއިރު، ކަނޑިތީމުގައި އަލަށް އާބާދުވި ސަރަހައްދުތަކާއި، ނޫމަރާ އަދި ބިލެތްފަހީގައި ފެނާއި ނަރުދަމާގެ ހިދުމަތް އަދިވެސް ގާއިމުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑު މި ދައްކާ ވާހަކައަކީ އަޅުގަނޑު ދާއިރާގައި އެބަހުއްޓޭ ގާނޫނު އަސާސީގައި ބުނާ އެންމެ އަސާސީ ހިދުމަތްތައް ނުލިބޭ ރަށްތައް. ދެ އަހަރު ވެއްޖެ، އަލަށް އާބާދުވި ހިސާބަކަށް ކަނޑިތީމުގައި ފެނާއި ނަރުދަމާ ނުދެވޭ، ނޫމަރާގައި ނުދެވޭ، ބިލެތްފަހީގައި ނުދެވޭ،ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
މެމްބަރު އަމީން އިތުރަށް ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީ ފަދަ ބިލްތައް ހުށަހަޅަންވާނީ ރައްޔިތުންނަށް ވެފައިވާ އަސާސީ ވައުދުތައް ފުއްދުމަށްފަހު ކަމަށެވެ. އަދި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންމެ ކުދި އާބާދީތަކުގެ ބޭނުންތަކަށް ވެސް ހަމަހަމަކަމާއެކު ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.