އއ. ބޮޑުފޮޅުދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް ބުނެ އެކަން އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ބޮޑުފުޅަދޫ ކައުންސިލުން  ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ބޮޑުފޮޅުދޫ ކައުންސިލްގެ ބަޖެޓުން 1.4 މިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭނގޭ!" މި ސުރުޚީގެ ދަށުން ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ކަމަށެވެ. މިފަދަ ޚަބަރުތަކުގެ ސަބަބުން ކައުންސިލާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވަރެއް އުފެދުމުގެ ފުރުސަތު އޮތުމުން އެކަން ސާފުކޮށްދޭން ޖެހޭ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ކައުންސިލުން ބުނި ގޮތުގައި، މީޑިއާތަކުން ގެނެސްދީފައިވާ ޚަބަރުގެ ތަފްސީލުގައި، އޮޑިޓް އޮފީހުން އެކަމާ ގުޅޭގޮތުން ދެއްވާފައިވާ އިރުޝާދާއި ލަފާ ހިމަނާފައެއް ނުވެ އެވެ. މިއީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކައުންސިލުން ސިފަކުރެ އެވެ.

މާލީ ބަޔާނުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ކައުންސިލުން ތަފްސީލު ދެމުން ބުނީ، އެއީ ފައިސާއަށް ޚިޔާނާތްތެރިވެގެން ނުވަތަ ފައިސާ މަދުވެގެން ދިމާވެފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ މާލީ މުއާމަލާތްތައް ރެކޯޑުކުރާ "ވިޔަ" މޮޑިއުލްގައި ދިމާވެފައިވާ އިދާރީ އަދި ފަންނީ މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ.

އޮޑިޓް އޮފީހުން ކުރައްވާ އޮޑިޓްތަކުގައި އެއްވެސް އިދާރާއަކުން ފައިސާއަށް ޚިޔާނާތްތެރިވެ، ނުވަތަ ވީނުވީއެއް ނޭނގި ފައިސާ މަދުވެފައިވާނަމަ، އެކަން ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށް އޮޑިޓް ރިޕޯޓުގައި ސާފުކޮށް ބަޔާންކުރާނެ،
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ދިމާވެފައިވާ ފަންނީ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާއި ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ބޮޑުފުޅަދޫ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ޚަބަރު ފެތުރުމުގައި ހަމައެކަނި ކިޔުންތެރިން ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ހަގީގަތް އޮޅުވާނުލުމަށާއި، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މައުލޫމާތު ސާފުކޮށް ޚަބަރު ފެތުރުމަށް ރާއްޖޭގެ އެންމެހާ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.