އައިޖީއެމްއެޗްގައި
މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ
ޙަލީމަތު ލަމްހާ އަބްދުއްރަޙުމާން 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން
ޙުކުމްކޮށްފި އެވެ.
މޭރީ ގްރޭސްގެ
މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާގެ މައްޗަށް ކުރި އެނގިހުރެ މީހަކު މެރުމުގައި
ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލާން ގާޒީ ވަނީ
ޙުކުމް ކުރައްވާފަ އެވެ.
މި
މައްސަލައިގައި ހަލީމަތު ލަމްހާގެ މައްޗަށް އުފުލި އެކަމުގައި ބައިވެރިވިކަމުގެ
ދައުވާގެ އިތުރުން ދެން އުފުލާފައިވާ ދައުވާތައްވެސް ސާބިތުވެފައިވާތީ، އޭނާގެ
ބައިގައިވެސް އަދަބާ ގުޅޭގޮތުން ގޮތެއް ނިންމުން ބުދަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަދަބު
ކަނޑައެޅުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެމީހުންގެ
އަދަބުގެ ދަރަޖަ މަތިކޮށްދިނުމަށް އެދިފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި
އެމީހުންނަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށްވުމާއި، އެމީހުން އެ
އަމަލުތައް ހިންގާފައިވަނީ އިންސާނީ ކަރާމާތަށްވެސް ބެލުމެއް ނެތި، ރަހުމު ކުޑަކޮށް،
އަމިއްލަ އެދުމުގެ މަތިންކަމަށްވުން ހިމެނެ އެވެ.
އެމީހުންގެ
އަމަލުތަކުގެ ސަބަބުން އަމިއްލަ ފަސްގަނޑު ނޫން ތަނެއްގައި މައިމީހާ މަރުވެ،
އޭނާގެ ދަރިފުޅަށް ނިކަމެތިކަން ލިބިގެން ގޮސްފައިވާކަންވެސް ދައުލަތުން
ފާހަގަކުރި އެވެ.
އަދަބާ
ގުޅޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ލަމްހާގެ ވަކީލު ވަނީ އޭނާގެ ޖަލު
އަދަބު އެހެން އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން ގޭބަންދު ނުވަތަ
ޖޫރިމަނާގެ އަދަބަކަށްވެސް ބަދަލު ކުރެވިދާނެކަން ވަކީލު ފާހަގަ ކުރެއްވި އެވެ.
ވަކީލު
ވިދާޅުވީ، ލަމްހާ މި މައްސަލައިގެ ބަންދުގައިވެސް 3 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ
ކަމަށާއި، އަދަބު ބަދަލުކޮށްދޭން އެދުމުގައި ފުރިހަމަވާން ޖެހޭ ޤާނޫނީ ޝަރުތުތައްވެސް
ފުރިހަމަވާ ކަމަށެވެ. އަދި ލަމްހާއަކީ އެކަނިވެރި މައެއްގެ ހުރި ހަމައެކަނި
ދަރިކަންވެސް ވަކީލު ފާހަގަ ކުރެއްވި އެވެ.
ލަމްހާއަކީ
ކިޔަވައިގެން ހުރި، އަދި ފެހުން ފަދަ މަސައްކަތްތެރިކަން އެނގޭ މީހެއްކަން
ފާހަގަކޮށް ދިފާއީ ވަކީލު ވިދާޅުވީ، އަދަބުދޭއިރު އެމީހާ އިސްލާޙުކޮށް، އަނބުރާ
މުޖުތަމައަށް ނެރެވޭނެ ގޮތްތަކަށް ޝަރީއަތުން އިސްކަން ދޭންވާނެކަމަށެވެ.
ދެފަރާތުން
ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ލަމްހާގެ
އަދަބު ލުއިކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމަވައި، އެނގިހުރެ މީހަކު
މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި އޭނާ 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.
އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ 11
އަހަރުގެ ޖަލު އަދަބެކެވެ.
މި
މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް
ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް ސާބިތުވެފައެވެ.
އެހެންވެ އޭނާ 3 މަހަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފަ އެވެ.
އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް
ހުއްދަ ނުނަގައި ކުރުމުގެ ދައުވާވެސް ސާބިތުވެފައިވާއިރު، އެ ދައުވާގައި
އިއްވާފައިވަނީ 1 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެކެވެ.