ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އައި 8 ރުފިޔާގެ ބަދަލުގައި 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއާ އެކު ބިޑިން ނަގާ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްކުރީ، ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ކުރިން އޮތްގޮތުން
ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީ އެވެ. ބިލުގައި
ހިމަނާފައިވަނީ ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ
އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް
އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް
ކުޑަކުރުމަށެވެ.

ޖޫންމަހު މަޖިލީހަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނު އަށް އިސްލާހު ގެނައުމުގެ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ މިހަފްތާގެ ހޯމަ ދުވަހު އެވެ. ބިލު ފާސްކޮށްފައިވަނީ އެއްވެސް ބަދަލެއް ގެނައުމެއް ނެތި ސަރުކާރުން ހުށަހެޅި ގޮތަށެވެ.

ބިލުގައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް
ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި
އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ
ހިމަނާފަ އެވެ.

ބިލުގައި ބުނާ ގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ
ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަންޖެހޭނެ އެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް
ބަދަލުގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑު ކުރަން ނިންމީ 2024 ވަަނަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ.

ސިނގިރެޓްގެ ޑިއުޓީ ކުޑަ ކުރަން ނިންމީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.