އައިޖީއެމްއެޗްގައި
މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ
މާވިން އެސްވައި ވާގަސް (ޔޫސުފް) 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން
ޙުކުމްކޮށްފި އެވެ.
މޭރީ ގްރޭސްގެ
މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާގެ މައްޗަށް ކުރި އެނގިހުރެ މީހަކު މެރުމުގައި
ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ.
އަދި ހަލީމަތު ލަމްހާގެ މައްޗަށް އުފުލި އެކަމުގައި ބައިވެރިވިކަމުގެ ދައުވާގެ
އިތުރުން ދެން އުފުލާފައިވާ ދައުވާތައްވެސް ވަނީ ސާބިތުވެފަ އެވެ.
އެހެންކަމުން
އަދަބު ކަނޑައެޅުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ
އެމީހުންގެ އަދަބުގެ ދަރަޖަ މަތިކޮށްދިނުމަށް އެދިފަ އެވެ. އޭގެ ސަބަބުތަކުގެ
ތެރޭގައި އެމީހުންނަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށްވުމާއި، އެމީހުން
އެ އަމަލުތައް ހިންގާފައިވަނީ އިންސާނީ ކަރާމާތަށްވެސް ބެލުމެއް ނެތި، ރަހުމު
ކުޑަކޮށް، އަމިއްލަ އެދުމުގެ މަތިންކަމަށްވުން ހިމެނެ އެވެ.
އަދަބާ
ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫސުފްގެ ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ
ދައުވާ ބިނާކޮށްފައިވާ ވާޤިއާ (ފެކްޓްސް) އަށް ބަލާއިރު، އޭނާގެ މައްޗަށް
ކޮށްފައިވާ ދައުވާއަކީ އޭނާގެ މަސައްކަތާ ގުޅޭ ކަމެއްގެ ތެރެއިން ހިނގާފައިވާ އަމަލަކާ
ގުޅޭ ދައުވާއެއް ނޫން ކަމަށެވެ.
މީގެ
އިތުރުން، މި މައްސަލައާ ގުޅިގެން މޭރީއާއި ޔޫސުފްގެ ދަރިފުޅަށް ގެއްލުންވެފައިވާކަމަށް
ދައުލަތުން ބުނި ނަމަވެސް، އެ ކުއްޖާއަށް ނަފްސާނީ ގެއްލުމެއް ލިބިފައިވާކަން
ދައުލަތުން ހުށަހެޅި އެއްވެސް ލިއުމަކުން އެނގޭކަށް ނެތްކަމަށް ދިފާއީ ވަކީލު
ވިދާޅުވި އެވެ. އަދި ވިދާޅުވީ، މަންމަ ނިޔާވުމުން ކޮންމެ ކުއްޖަކަށްވެސް އޭގެ
އަސަރު ކުރާނެ ކަމަށާއި، ދައުލަތުން މަސައްކަތް ކުރަމުންދަނީ ވަކި ތަސައްވުރެއް
ދެއްކުމަށް ކަމަށެވެ.
ޔޫސުފްގެ
ވަކީލު ވިދާޅުވި ގޮތުގައި އޭނާއަކީ ރާއްޖެ އައިސް، ޒިންމާދާރު ވަޒީފާއެއްގައި
މަސައްކަތް ކުރަމުންދިޔަ "ގުޑް ކެރެކްޓަރއެއްގެ" މީހެކެވެ. އަދި
އޭނާއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް މީހެއްކަން ފާހަގަކޮށް ދިފާއުން ވަނީ
އޭނާއަށް ދެވެން އޮތް އެންމެ ބޮޑު ލުއެއް ދިނުމަށް އެދިފަ އެވެ.
ދެފަރާތުން
ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޔޫސުފް 25
އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފަ އެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި 4
އަހަރާއި 8 މަސް ޖަލު އަދަބުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ 20
އަހަރުގެ ޖަލު އަދަބެއްކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.