ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް، އެ ގައުމަށް މިހާރު ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދެފަރާތުގެ ގުޅުމާ ގުޅޭގޮތުންނާއި، ވަކިން ހާއްސަކޮށް ދިފާއީ ދާއިރާއިން މި ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންތައްތަކާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ވާހަކަފުޅު ދެއްކެވި އެވެ.
މި ބައްދަލުވުމުގައި، ސަލާމަތީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.