ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ
ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު
ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލުގައި ހުށަހަޅާފައިވަނީ ކޮންމެ
ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް
ކުޑަކުރުމަށާއި، އެޑްވެލޮރަމް ޓެކްސް 100 އިންސައްތައިން 30 އިންސައްތައަށް
ދަށްކުރުމަށެވެ.
ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް މި ހުށަހެޅީ،
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ ޓެކްސް ވަރަށް ބޮޑަށް
މަތިކުރިތާ ދެ އަހަރުވެސް ނުވަނީހެވެ. 2024 ވަނަ އަހަރު ކޮންމެ ސިނގިރޭޓަކުންނާއި
ބިޑި އަކުން ނަގާ ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކޮށް، އެޑްވެލޮރަމް
ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ވަނީ މަތިކޮށްފަ އެވެ.
ޓެކްސް ބޮޑުކުރުމުގެ އިތުރުން ވޭޕާއި
އީ-ސިނގިރޭޓް މަނާކުރުމާއި، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް
ދުންފަތުގެ ބާވަތްތައް ވިއްކުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަނާކުރުން ހިމެނެ
އެވެ. މި ސިޔާސަތުތަކާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން
ރައީސް މުޢިއްޒަށް "ވޯލްޑް ނޯ ޓޮބެކޯ ޑޭ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް"
ދީފައިވާއިރު، ގްލޯބަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް އިން ޓޮބެކޯ ކޮންޓްރޯލްގެ
ފަރާތުން ރާއްޖެއަށް ވަނީ "އިންޓެގްރިޓީ އެވޯޑް" ދީފަ އެވެ.
އަނެއްކޮޅުން، ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުމާ
ގުޅިގެން، ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން އިތުރުވެ، ވޭޕާއި އަގުހެޔޮ
ސިނގިރޭޓް ބްރޭންޑްތަކުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމުގެ ކަންބޮޑުވުންތައް
ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ
ދަށްވުމާއި، މި ފިޔަވަޅުތަކުގެ ސަބަބުން އަމަލީ ގޮތުން ނުކުންނަ ނަތީޖާއާ މެދު
ސަރުކާރަށް ވަނީ ސުވާލުތައް އަމާޒުވެފަ އެވެ.
މި މައްސަލައިގެ ކޮމިޓީ ބައްދަލުވުމުގައި،
އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމުގެ ކުރިން ދައުލަތުގެ
ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް، ދައުލަތުގެ ބަޖެޓަށް މީގެ ސަބަބުން ކުރާނެ
އަސަރުތައް ދިރާސާކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ބައެއް އިސްލާހުތައް
ގެންނަން ޖެހޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް
ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާ ކަމަށް ރިޔާސަތުން ވިދާޅުވެ
ބިލު ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށެވެ.
ސަރުކާރުން ބުނަނީ މި ދުންފަތުން ނަގާ ޑިއުޓީ
ކުޑަކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން
ކަމަށެވެ.