ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ފުދިފައިނުވާކަމަށް
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ޒާކިރު ފާހަގަކުރެއްވި
ގޮތުގައި ރައީސް މުއިއްޒު އިންތިޚާބީ ވައުދުތަކުގައި ވަނީ ސިޔާސީ މަޤާމުތައް 700
ގައި ހިފަހައްޓުވާނެ ކަމަށާއި، ރަސްމާލެ ބްރިޖު 8 މަސް ތެރޭގައި ހިއްކަވާނެ ކަމަށް
ވިދާޅުވެފަ އެވެ. އަދި ތައިލެންޑާއި ދުބާއީގައި ބޭސްފަރުވާ ލިބޭނެ ކަމަށާއި މަޝްރޫއުތައް
ނުހުއްޓި ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން
ވަޒީފާތަކުން މީހުން ނުކަނޑަވާނެ ކަމަށާއި ބޭރު ފައިސާ ލިބޭނެ ކަމުގެ ފެހި ސިގްނަލް
ލިބޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް މައުރޫފް ޒާކިރު ވިދާޅުވި އެވެ.
ސިޔާސީ މަޤާމުތައް 700 ގައި ހިފަހައްޓަވާނެކަމަށާއި، ރަސްމާލެ 8 މަސް ތެރޭގައި ހިއްކަވާނެކަމަށްވެސް ވިދާޅުވީ ކާކުތޯ، ތައިލެންޑާއި ދުބާއީން ބޭސް ފަރުވާ ލިބޭނެ ކަމާއި، މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެކަމަށްވެސް ވިދާޅުވީ ކާކުތޯ، އަދި ވަޒީފާތަކުން މީހުން ނުކަނޑާނެކަމަށާއި، ބޭރު ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބޭނެކަމަށްވެސް ވިދާޅުވީ ކާކުތޯ، އާރްޓީއައި ހުށަހަޅަން ނުޖެހޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި، ނަމަވެސް އާރްޓީއައި ހުށަހަޅައިގެންވެސް ޖަވާބެއް ނުލިބޭ.ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މީގެ
އިތުރުން، މިއަދު ރާއްޖޭގައި މިނިވަން އެންމެ ކޮމިޝަނެއްވެސް ނެތް ކަމަށާއި ނަމަވެސް
މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ
ކަމަށް އެ މެމްބަރު ފާހަގަކުރެއްވި އެވެ.
މައުރޫފް
ޒާކިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ލިބުމުން މިހާރު ފެންނަ މަންޒަރަކީ މިއިން
އެއްވެސް ކަމެއް ވާން ނެތްކަމުގެ މަންޒަރު ކަމަށެވެ. އެގޮތުން ޤައުމުގެ އިޤްތިސާދީ
ޙާލަތާއި މާލީ ޙާލަތާއި އިޖުތިމާއީ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށް
މެމްބަރު ވިދާޅުވި އެވެ.
މީގެ އިތުރުން،
ސަރުކާރުން މިހާތަނަށް އެކި ނަންނަމުގައި ޤާނޫނުތައް ހުށަހަޅަމުން އަންނަ ކަމަށާއި
އެ ޤާނޫނުތަކުން ފައިދާވި ރައްޔިތަކު މިއަދު ނެތް ކަމަށްވެސް މައުރޫފް ޒާކިރު ވިދާޅުވި އެވެ.
މައުރޫފް
ޒާކިރު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާނެ މީހަކު ނެތިގެން އުޅޭ ކަމަށް ރައީސް މުއިއްޒުގެ
އަރިހުގައި މީހަކު ވިދާޅުވެފައި ނުވާ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް
ވަޑައިގެންނެވީ އަމިއްލަފުޅަށް ކަމަށެވެ.
މީގެ
އިތުރުން، މި ޤައުމަށް ބޭނުންވަނީ ރަނގަޅު ލީޑަރެއް ކަމަށާއި ރައީސް މުއިއްޒަށް ދޮގު
ހެދުން ނޫން ކަމެއްވެސް ނުވާ ކަމަށް މައުރޫފް ޒާކިރު ވިދާޅުވި އެވެ.