ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު
އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު
ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މުޙައްމަދު
އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، އެކަންކަމާ ގުޅޭ ދާއިރާތަކުގެ ފަރާތްތަކާ މަޝްވަރާކުރަންޖެހޭ ކަމަށާއި، ސިޔާސަތުތައް އެކުލަވާލަންވާނީ "އުނބަށް ޖަހަން" ނުޖެހޭނެ ފަދަ ހަރުދަނާ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި އެތައް މައްސަލައެއް މިހާރުވެސް
މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައި އެބަހުރި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ
މައްސަލަތަކާއި، ޑޮލަރުގެ ތާށިކަމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލަ
އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން
ސިއްހީ ދާއިރާއިން ލޭ ނުލިބޭ މައްސަލައާއި، ފޭކް ސެޓްފިކެޓު ހަދާ މައްސަލަ ފަދަ ސީރިއަސް
ކަންތައްތަކެއް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ
މަސައްކަތްތައް ކުރިއަށްދާ ގޮތަށް ފާޑުވިދާޅުވަމުން މެމްބަރު ވިދާޅުވީ، ރައްޔިތުންގެ
މިފަދަ މުހިންމު މައްސަލަތަކަށް އަޅާނުލައި، ފަސް މިނެޓުން ކޮމިޓީތައް ނިންމާލަމުންދާ
ކަމަށެވެ. އަދި މިގޮތަށް މަސައްކަތްކޮށްގެން މުސާރަ ހަލާލުކޮށް، ހުރިހާ އިނާޔަތްތަކެއް
ނަގަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން،
މަޖިލީހުގެ މައިނޯރިޓީގައި ތިއްބެވި މެމްބަރުންގެ ހައިސިއްޔަތުން، ރައްޔިތުންގެ ހައްގުގައި
އަޑުއުފުލޭނެ އެންމެ މަތީ މިންވަރަކަށް އަޑުއުފުލަމުންދާނެ ކަމަށްވެސް މުޙައްމަދު އިބްރާހިމް
ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ
ކިބައިގައި މިފަދަ މުހިންމު ކަންބޮޑުވުންތައް ނެތުމަކީ ގައުމީ ފެންވަރުގައި އޮތް ބޮޑު
މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

  އަޅުގަނޑުމެންގެ އެބަހުރި ކަންބޮޑުވާ އެތައް ކަމެއް، އެގޮތުން ފެނާއި ނަރުދަމާގެ މައްސަލަ، ޑޮލަރުގެ މައްސަލަ، ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ، ލޭ ނުލިބޭ މައްސަލަ، ފޭކް ސެޓްފިކެޓު ހަދާ މައްސަލަ، މިހާރުވެސް މިކަހަލަ އެތައް މައްސަލައެއް އެބަހުރި މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައި، މިކަންކަމަށް އަޅާނުލާ މިދަނީ 5 މިނެޓުން ކޮމިޓީއެއް ނިންމާލައިގެން މުސާރަ ހަލާލު ކުރަމުން، ހުރިހާ އިނާޔަތްތަކެއް ނަގަމުން، މިއީ ހަމަ ޔަޤީނުންވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް، އަޅުގަނޑުމެންނަކީ މައިނޯރިޓީ، އަޅުގަނޑުމެންނަށް އަޑު އުފުލޭ ވަރަކަށް އެބަ އަޑުއުފުލަން
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) 

މެމްބަރު
އިތުރަށް ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ
އަސަރުތަކަށް ބަލައި، ކަންކަން އިސްލާހުކުރުމުގެ ރޫހެއް މަޖިލީހުގެ ތެރެއިން ފެންނަންޖެހޭ
ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަނީ މުހިންމު މައްސަލަތައް ބޭރުކޮށްލައި، މަޝްވަރާއެއް
ނެތި ކަންކަން ނިންމަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.