ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ
އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ފިލްމު އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި
ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް
ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ
ބުދަ ދުވަހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ހީނާ ވިދާޅުވީ، ރާއްޖޭގެ ފިލްމީ ސިނާއަތަކީ
ވަރަށް ޒަމާންވީ ތާރީޚެއް އޮތް ދާއިރާއެއް ކަމަށާއި، މި ދާއިރާގައި ފުންނާބު އުސް އަދި
އެހާމެ ހުނަރުވެރި ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށެވެ. އަދި ފިލްމީ ދާއިރާ
ކުރިއަރުވައި، މި ސިނާއަތް ކޮޅަށް ޖެއްސެވުމަށްޓަކައި ނުހަނު ޝައުގުވެރިކަމާއެކު މަސައްކަތް
ކުރައްވާ ގިނަ ފަންނާނުންތަކެއް މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަކީ ޒަމާންވީ ތާރީޚީ އިންޑަސްޓްރީއެއް، މި އިންޑަސްޓްރީގައި ފުންނާބު އުސް ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވި، މި އިންޑަސްޓްރީ ނަގާ ކޮޅަށް ޖެއްސެވި ގިނަ ބަޔަކު މި ދާއިރާގައި އެބަ ތިއްބެވި އެ ޕެޝަންގައި މަސައްކަތް ކުރާ، ސަރުކާރުގެ ވިސްނުމަކީ އެބޭފުޅުންނަށް ޙައްޤުވާ އެވޯޑެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު
އެންމެ ފަހުން ރާއްޖޭގައި ފިލްމު އެވޯޑެއް ބާއްވާފައިވަނީ
2019 ވަނަ އަހަރު ކަމަށްވާއިރު، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަލުން
އެވޯޑު ޙަފްލާ ބާއްވަން ފެށުމަށްކަން ހީނާ ފާހަގަ ކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް
މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ، ފިލްމު އެވޯޑު ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ
މަސައްކަތްތައް ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ބާރުސްޕީޑުގައި
ކުރިއަށްދާ ކަމަށެވެ. އެގޮތުން އެވޯޑަށް އިންސާފުކުރާނެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގެ
މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ލަފާކުރައްވާ ގޮތުގައި، މިހާރު ކުރިއަށްދާ
ތައްޔާރީތަކާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު އެވޯޑު ބޭއްވޭނެއެވެ.
ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ފިލްމީ ދާއިރާގެ
ފަންނާނުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ހައްގުވާ ފަދަ ޝަރަފުވެރި
އެވޯޑެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.