މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިދަނޑިވަޅުގައި، މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 44 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އަންގާރާ ދުވަހު އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އަލަށް ފެނުނު 44 ކޭސްއާއެކު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 66 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ގިނައިން ހިމެނެނީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ފާހަގަކުރެ އެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ.

ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު ފޭސްތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި ސިއްހީ ހިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭއިރު، މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ އަންނަަނިވި މަރުކަޒުތަކުންނެވެ:

  • މާފަންނު އަރބަން ހެލްތު ކެއާ ކްލިނިކް

  • ހުޅުމާލެ ހޮސްޕިޓަލް
  • ސެނެހިޔާ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް

އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒުން ނުވަތަ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖެ އަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި އަލުން ފެނި، ބަލި ޖެހޭ މީހުންގެ އަދަދު  ދަނީ އިތުރުވަމުންނެވެ.