ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.

ކުރިން މިކަމަށް ކުރި އިއުލާނަށް ވީގޮތެއް އެނގިފައިނުވާއިރު، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް، ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

ހުސްވި އަހަރު މިމަސައްކަތައް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާނު ކުރީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިންނެވެ. އެ ފަހަރުގެ އިއުލާނުގައި ވަނީ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ޕްރޮޕޯސަލް، 2025 އޮކްޓޫބަރު 14 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންވާނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން މިފަހަރު ކުރި އިއުލާނުގައި ރަސްމާލޭގެ ކޮންސަލްޓަންސީ މަސައްކަތަށް ބިޑް ހުށައެޅުން އޮންނާނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، 10:00ގައި ކަމަށް ބުނެފައިވެ އެވެ.

ކޮންސަލްޓަންސީ މަސައްކަތަށް ހުޅުވާލާފައިވަނީ ބޭސްލައިން ސްޓަޑީ ހެދުމާއި
އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކް އެކުލަވާލުމާއި ބިން
ބޭނުންކުރާނެގޮތުގެ ޕްލޭން އެކުލަވާލުމާއި ހިއްކާ ބިން ހިމާޔަތްކޮށް
ތަރައްޤީކުރުމުގެ މަސައްކަތްތަކާ ކަމާގުޅޭ އިދާރާތަކާއި ފަރާތްތައް
ގުޅިގެން މަސައްކަތްތައް ރާވާ ކުރިއަށްގެންދާނެ ގޮތުގެ ކަންކަން
ތަރުތީބުކުރުމަށް ކަމަށް ބުނެފައިވެ އެވެ.
މާސްޓަރ ޕްލޭންގެ ދަށުން، ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް
ކުރުމާއި ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި ދަތުރުފަތުރާއި ޚާއްސަ
އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ޑިސެމްބަރު 2023 ގައި އިޢުލާނުކުރި ރަސްމާލެ މަޝްރޫޢުގެ މަޤްޞަދު ކަމަށް ސަރުކާރުން ބުނެފައިވަނީ 1,153 ހެކްޓަރަށްވުރެ ބޮޑު ބިމެއް ހިއްކައި، އެތައް ހާސް ރައްޔިތުންނަކަށް އާބާދުވެވޭނެ ފަދަ ސިޓީއެއް ބިނާކުރުމެވެ. މި ތަރައްޤީގެ ތެރޭގައި މީހުން ދިރިއުޅޭ އަވަށްތަކާއި، ވިޔަފާރި ސަރަޙައްދުތަކާއި، އާންމު ބަގީޗާތަކާއި، ދަތުރުފަތުރުގެ ނިޒާމުތަކުގެ އިތުރުން، ދިގުމުއްދަތުގެ އާބާދީއަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ވައުދާއެކު ފެށިތާ ދެ އަހަރާއި ބައި ވެފައިވާއިރު، މި މަޝްރޫޢު ނިންމުމަށް މިހާރު ވަނީ ފަސްވަނަ ފަހަރަށް ސުންގަޑިއެއް ކަނޑައަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ އެކު ސަރުކާރަށް ފުރަތަމަ ކަނޑައެޅި ސުންގަޑިއަށް މަސައްކަތް ނިންމާނުލެވުނު ކަމަށެވެ.

އެހެން ނަމަވެސް، މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން، އެންމެ ލަސްވެގެން ވެސް މި މަސައްކަތް ނިންމާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކުމުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މެދުކަނޑާލާފައި އޮތް މި މަޝްރޫޢުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫޢު އިފްތިތާޙުކުރީ 18 ޑިސެމްބަރު 2023 ގައެވެ. އެ މަޝްރޫޢު ފެށީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް، އަށް މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާނެ ކަމުގެ ވައުދާއެކުގަ އެވެ.