އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލްއަށް ރުހުންދޭ ފެންނަ ކަމަށް 51
މެމްބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ކޮމިޝަންގެ ރައީސް ކަމަށް ޝަކީލް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެ އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް މުއިއްޒު ފޮނުއްވި ސިޓީ އިއްވުމަށްފަހު އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާ ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ގެ މަގާމު ހުސްވީ އެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު
ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ
މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ
24ވަނަ ދުވަހުއެވެ.

ޝަކީލް އެންމެފަހުން ހުންނެވީ، މޯލްޑިވްސް ޙައްޖު
ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގަ އެވެ.  ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވާފައި ޝަކީލް އަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި ފަރާތްކަން ވެސް ފާހަގަ ކުރެވެ އެވެ.

އިންސާފުވެރިކަމާ އެކު އިންތިޚާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އެންމެ މަތީ މަގާމަށް ޝަކީލް އައްޔަން ކުރެވޭ އިރު އޭނާ އަކީ ވަރަށް ފާޅުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް މީސްމީޑިއާ ގައި ފާޑުކިޔާފައިވާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން އެންމެ ފަހުން އޮތް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް ވެސް ވަރަށް ފާޅުގައި ތާއީދު ކުރައްވާ އިންޑިއާ އަށާއި ދިވެހި ސަރުކާރަށް ބަދުބަސްތައް ވިދާޅުވެފައިވާ ފަރާތެއްކަން ވެސް ފާހަގަ ކުރެވެ އެވެ.

ޝަކީލް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އިރު އެތަނާ ގުޅޭ ތަފާތު ކަރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވީ ނަމަވެސް އެ މައްސަލަތައް ބަލައިފައި ނުވާކަން ވެސް ފާހަގަ ކުރެވެ އެވެ.