ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުއާ ސުވާލު ކުރުމަށް އެޖެންޑާކޮށްފިއެވެ.

 މި ސުވާލު
ކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް އެވެ.

މެމްބަރު މުޙައްމަދު އިބްރާހިމް ކުރައްވާ ސުވާލަކީ
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މިދިޔަ އަހަރު އެ މިނިސްޓްރީން
ހިންގާފައިވާ ހަރަކާތްތަކަށް ޖުމުލަ ޚަރަދުކުރެއްވި ގޮތާއި ހިނގި ޚަރަދުތަކުގެ ތަފްސީލު
ސާފުކޮށްދިނުމަށް އެދޭ ސުވާލެކެވެ.

މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރުމަށް
ސަރުކާރުން ބޭއްވި އެކި ހަރަކާތްތަކަށް ކުރެވުނު ޚަރަދުތަކުގެ ތަފްސީލު އާންމުންނަށް
އަދި ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން މެމްބަރުގެ ސުވާލުގައި މިނިވަން
ދުވަހުގެ ހަރަކާތްތައް މާލެ ފިޔަވައި އެހެން ސަރަޙައްދުތަކުގައި ބޭއްވި ގޮތުގެ ތަފްސީލަށް
އެދިފައިވެއެވެ. އަދި އަތޮޅު ތެރޭގައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރެއްވި
ޚަރަދުތައް ވަކިވަކިން އެނގޭނެހެން ފޯރުކޮށްދިނުމަށް ސުވާލުގައި އެދިފައިވެއެވެ.

މި ޖަލްސާ ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ ފުރަތަމަ
ދުވަހުގެ ހެނދުނު 09:00 އަށެވެ.

މިނިވަންކަމުގެ ފާހަގަކުރުމުގެ ހަރަކާތްތަކަށް
މާލޭގައި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު
ކުރަމުން އަންނައިރު، އަތޮޅުތެރޭގެ ރައްޔިތުންނަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި
ހަމަހަމަކަން ލިބިފައި ނުވާކަމަށް ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ.