މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
މި މައްސަލައަކީ 2024 މެއި 25 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 25 ވަނަ ދުވަހާއި ހަމައަށް މަލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، އޭނާއަށް ބިރުދައްކައި އޭނާއަށް މަޖުބޫރުކުރުވައިގެން އޭނާލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، އޭނާއާއި މެދު މާރާމާރީ ހިންގައި، އޭނާއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވާ
މައްސަލައެވެ.
މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 5 މީހަކަށް ދައުލަތުން ދައުވާކުރިއެވެ. އެއީ ރ. ކަނދޮޅުދޫ،
މެހުރާ އަލީ ސާމީ، ގދ. ގައްދޫ، ހުދުވެލި އަހުމަދު
ސާއިފް ވަހީދު، ތ. ތިމަރަފުށި، އުތުރުގެ އާގެ މުހައްމަދު ނައުޝާން ހުސައިން އަދި
އެމްއެންޑީއެފްގެ ދެ އޮފިސަރުންކަމަށްވާ ކ. މާފުށި، ފުލްމޫން - މުހައްމަދު ނަފާހު އާއި
ލ. ގަން، ތުނޑި/ލިންކް - އަހުމަދު ޒަޔާންއެވެ.
މި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ
ކުޑަ 3 ކުދިންވެސް ބައިވެރިވެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ
ފަރާތުން ވަނީ މި މީހުން ކުރި އަނިޔާތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން
އެހީއަށް ބޭނުންވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދީ
ހިފެހެއްޓުމާއި، ޕަވަރ ޓޫލްއެއް ބޭނުންކޮށްގެން އިނގިލި ބުރިކޮށްލުން ހިމެނެއެވެ. އަދި
އެމީހާގެ ވައަތު ލޯމަތީގައި ޖަހާ މާރާމާރީ ހިންގުމާއި، ހަށިގަނޑުގެ
އެކިތަންތަނުގައި އަލިފާން ޖެއްސުމާއި، ތަޅާ އަނިޔާކުރުމުގެ ނިޝާންތައް ފެންނަން
ހުއްޓެވެ.
މި މައްސަލައިގައި ސާއިފްގެ މައްޗަށް މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ އޭނާއަށް 15
އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ސާމީއާއި ނައުޝާންގެ މައްޗަށް ވަނީ، މީހެއްގެ
ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ
ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. އަދި އެ ދެމީހުން 10 އަހަރަށް
ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.
މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
ނަފާހްގެ މައްޗަށްވެސް އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައެއް
ނުވެއެވެ.
މީގެ އިތުރުން، އެހީއަށް ބޭނުންވެފައިވާ
މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް
ޒަޔާންގެ މައްޗަށް ސާބިތުވެފައިވީނަމަވެސް، އެ ކުށުގެ އަދަބަކީ 3 މަސް ދުވަހުގެ ޖަލު
ޙުކުމެއްކަމަށްވާތީ އޭނާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން ތަންފީޒު
ކުރަންޖެހޭ އަދަބެއް ނެތެވެ.