ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު
ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވުމުން
ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު
ރައްދުވާ ފަރާތްތަކަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ކޯޓުން ދީފި އެވެ.
މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ
ހިނގާފައި ވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން
ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ
"ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓާ އޭނާ ގެ
ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި
ހަރައި ފުންކޮށް ޒަހަމް ކޮށްލާފަ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ
ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ.
ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް
އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ
ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.
މި މައްސަލައިގައި ޙުކުމް ކުރައްވަމުން
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި
އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް
ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް
ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންވެ ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އަދި
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ ނިމެންދެން އެ
ދެމީހުން ބަންދުކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދޭ ސަބަބުތައްވެސް ދައުލަތުން
ހައިކޯޓުގައި ތަފްސީލުކޮށްދީފައިވެ އެވެ.
އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން
ވަނީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އެމީހުންނަށް ވަކީލަކާއެކު ވާހަކަ
ދެއްކުމުގެ ފުރުސަތެއް ދިނުމަށް އެދިފައެވެ. އަދި މި އަޑުއެހުމުގައި ވާހަކަ
ދައްކަމުން ދައުވާލިބޭ ފައިޙް ވަނީ ދައުލަތުން ދޮގު ހަދަމުންދާކަމަށް ބުނެފައެވެ.
އެގޮތުން އެމީހުން ޙަމަލާދިނީ ދުރާލާ ފާރަލައިގެންކަމަށް ދައުލަތުން ބުނާއިރު،
އެކަމަށް ހެކި ދައްކަން ޖެހޭނެކަމަށް އޭނާ ބުންޏެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން
ވަނީ ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަވާނީ އެއަށްފަހުކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އެހެންނަމަވެސް 10 ދުވަހުގެ ތެރޭގައި ވަކީލަކު
ހާޒިރު ނުކުރެވިއްޖެނަމަ އަޑުއެހުން ކުރިއަށް ގެންދަވާނެކަން ފަނޑިޔާރުން
ހަނދާންކޮށްދެއްވި އެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު
އަލްއުސްތާޛު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު
އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރުއެވެ.