ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން ސާބިތުވެފައިވާ އަދުހަމް މުހައްމަދު މަރަން ކުރި ޙުކުމް ސައްޙަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މިއީ ހުޅުމާލޭގައި، 04 ޑިސެމްބަރު 2019 ދުވަހުގެރޭ، އަދުހަމްގެ އަތުގައި އޮތް، ތިލައިގައި ގާތްގަނޑަކަށް 06 (ހައެއް) އިންޗި ހުރި ވަޅިއަކުން ޙަމަލާދީ، މީހަކު މަރާލާފައިވާތީ އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ ދައުވާ ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ޙުކުމްކޮށްފައެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން މިހާރު ވަނީ އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައަޅާފައެވެ.

ގާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެއީ ގާސިމްގެ 5 ދަރިންނެވެ.

އަދުހަމް ވަނީ ކުށަށް އިއުތިރާފްވުމަށް ފަހު ފަހުން އިއުތިރާފް އަނބުރާ ގެންގޮސްފައެވެ. އަދި ފަހުން އެ ކުށަށް އިއުތިރާފްވެފައެވެ. ދަށު ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ތަހުގީގުގައި އަދުހަމް އެކި ފަހަރުމަތިން ގާސިމް އަށް ހަމަލާދިން ގޮތާއިމެދު އެކި ގޮތަށް ވާހަކަ ދައްކާފައިވީނަމަވެސް، ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ގާޒީ ވަނީ ކާރުން ފެނުނު ޑީއެންއޭއާއި، ހަމަލާދިން ވަޅިން ފެނުނު ޑީއެންއޭ އަދުހަމްގެ ޑީއެންއޭއާއި ދިމާވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވައިވީނަމަވެސް، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މިއީ މީހުން ދިރިނޫޅޭ ހިސާބެއްގައި ދިން ހަމަލާއަކަށްވެފައި، ހަމަލާއަށްފަހު އަދުހަމް، ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިލައިގެން ދިއުމުގެ ސަބަބުން ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.

އެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. އަދި އަދުހަމް މަރަން ކޮށްފައިވާ ޙުކުމަކީ ސައްޙަ ހުކުމެއްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.