ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް
ފުޅާކުރުމަށްޓަކައި ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ އަހަރުގެ ތެރޭގައި
އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

 މިނިސްޓަރ
މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ
ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން
ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ދުރު ރާސްތާގެ ދަތުރުތައް
ފެށުމަށްޓަކައި ވައިޑް-ބޮޑީ އެއާކްރާފްޓް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު
މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ދެވަނަ ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު
ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިފަދަ ބޮޑެތި މަތިންދާބޯޓުތައް
ހޯދުމުގައި ދުނިޔޭގެ ބާޒާރުގައި މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ނަމަވެސް އެ ދަތިތަކާއެކުވެސް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ
ތެރޭގައި ދެވަނަ ވައިޑް-ބޮޑީ ބޯޓު އޮޕަރޭޓް ކުރަން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ
ވަނީ ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ  އޮކްޓޯބަރު މަހުގެ
ތެރޭގައި ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެންނާނެކަމަށް ރައީސް ޑރ.
މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް
މުއިއްޒު  އެހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި
އެއާބަސް  އިފްތިތާޙުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި
ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެހެންނަމަވެސް ފަހުން އެ ތާރީޚު ބަދަލުކޮށް
ސަރުކާރުން ވަނީ މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑްބޮޑީ އެއާކްރާފްޓް ރާއްޖެއަށް
ގެންނާނެކަމަށް ބުނެފަ އެވެ.