އެއް ހަފުތާގެ ތެރޭގައި މާލެ ޓެކްސީ ލައިން އިން 6900 އަަށް ވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް، މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޖޫން މަހުގެ ދެ ވަނަ ދުވަހު ޓެކްސީ ލައިން އެޕަލް ސްޓޯރުން ލޯންޗު ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެންޑްރޮއިޑް އިން ލޯންޗު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ހަފުތާގެ ތެރޭގައި މާލެ ޓެކްސީ އިން ޖުމުލަ 6912 ދަތުރު ކޮށްފައިވާ ކަމަށެވެ. އެއީ ޖޫން މަހުގެ 22 ވީ ހޯމަ ދުވަހުން ފެށިގެން، ޖޫން މަހުގެ 28 ވީ އާދީއްތަ ދުވަހުގެ ނިޔަަލަށެވެ. 

މީގެ ތެރޭގައި މާލޭގެ އެތެރޭގައި ކުރެވުނު ދަތުރުތައް ގިނަ ކަމަށާއި، އެތެރޭގައި 3569 ދަތުރު ކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ވިލިމާލޭގައި 528 ދަތުރު ކުރެވުނުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގައި ވެސް އެ ޚިދުމަތް ފެށިފައިވާ ކަަމަށެވެ. 

ވެބް އެޕްލިކޭޝަން މެދުވެރިކޮށް ކުރެވުނު ބުކިންގެ އަދަދަކީ 6112 ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެހެންމެ ކޯލް ސެންޓަރު މެދުވެރިކޮށް ހެދިފައި ހުރި ބުކިންގެ އަދަދަކީ 800 ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ، އެކަމުން ދައްކުވައި ދެނީ މި ޚިދުމަތަަށް އޮތް ޑިމާންޑު ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޖުމުލަ ގޮތެއްގައި ލިބޭ ކޯލު ތަކަށް ޖަވާބު ދިނުމަށް ޕީކް ވަގުތު ތަކުގައި ނަގަނީ ފަސް މިނެޓު ނުވަތަ ހަ މިނެޓު ކަމަށެވެ. އަދި ޕީކް ނޫން ވަގުތު ތަކުގައި ތިން މިނެޓު ނުވަތަ ހަތަރު މިނެޓުން ޖަވާބު ދެވޭ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. 

މާލެ ޓެކްސީގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ގިނަ ތާރީޚު ތަކެއް ދީފައި އެވެ. އެންމެ ފަހުން މި ޚިދުމަތް ފެށިއިރު ވެސް، އާންމުންގެ ގިނަ ކަންބޮޑުވުން ތަކެއް އޮތެވެ. ޚާއްސަކޮށް ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައި ވުމާއި، ޚިދުމަތް ފެށި ފަހުން ވެސް ޓެކްސީ ހޯދުމަށް އުނދަގޫ ވެފައިވާ ކަމުގެ ޝަކުވާ އެވެ.