އައިލެންޑް އޭވިއޭޝަންގެ މާލީ ޙާލަތު ދަށްވެފައިވާ މައްސަލައިގައި ސުވާލު ކުރުމުން، އެ ސުވާލަަށް ޖަވާބު ދެއްްވުމުގެ ބަދަލުގައި އެކަން އެ ކުންފުނިން ސާފު ކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ސުވާލު ކުރައްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެގޮތުން މެމްބަރު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ބެހެނީ ދެ ބަޔަކަށް ކަމަށެވެ. އެގޮތުން އެއީ ސެލްފް ސަސްޓެއިނިން ކުންފުނިތަކާއި، ބަޖެޓު ސަޕޯޓު ކުންފުނިތައް ކަަމަށެވެ.

އައިލެންޑް އޭވިއޭޝަން އަކީ ސެފްސް ސަސްޓެއިން ކުންފުންޏަކަށް ވީ ނަމަވެސް، އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބު ތަކުން ދައްކާ ގޮތުގައި އެ ކުންފުނި މިހާރު ހިމެނެނީ ބަޖެޓު ސްޕޯޓު ކުންފުންޏެއްގެ ގޮތުގައި ކަމަށް މެމްބަރު ފާހަގަ ކުރެއްވި އެވެ. އަދި މި ޙާލަތަށް ކުންފުނި ވެއްޓުނީ ވައިޑް ބޯޑީ މަތިންދާބޯޓުގެ ސަބަބުންތޯ ވެސް މެމްބަރު ސުވާލު ކުރެއްވި އެވެ.

 އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން އެ ސުވާލަށް އެމަނިކުފާނު ޖަވާބު ދެއްވުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަން އިން އެ މައުލޫމާތު އޮޅުން ފިލުވަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް، އެފަދަ ބޮޑު އިންވެސްޓްމަންޓު ތަކަށް ބަޖެޓު ސަޕޯޓު ބޭނުންވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އަދި އެއީ ދިވެހި ރާއްޖޭގައި ހަމައެކަނި އޮންނަ ގޮތެއް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ޤައުމު ތަކުގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިންޑިއާގެ ބޮޑެތި އެއާލައިން ތަަކަށް ވެސް ބޮޑެތި ސަޕޯޓު ދޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ކެޕިޓަލް އިންވެސްޓްމަންޓު ތަކަށް ބަޖެޓު ސަޕޯޓު ދިނުމަކީ ކުންފުނީގެ މާލިއްޔަތަށް ގެއްލުން ވަމުން ދިޔުން ނޫން ކަމަށެވެ. 

ސީދާ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ވަޒީރެއްގެ ހައިސިއްޔަތުން ތިޔަ ސުވާލަށް އަޅުގަނޑު ޖަވާބު ދިނުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އައިލެންޑް އޭވިއޭޝަން އަކީ އަމިއްލަ އަށް ޒިންމާވާން ޖެހޭ ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ތެރެއިން މި މައުލޫމާތު އޮޅުން ފިލުވުން. އެކަމަކު ވެސް އަޅުގަނޑު އިތުރު ވާހަކައެއް ދަންނަވާލާނަން. މިފަދަ ބޮޑެތި އިންވެސްޓުމަންޓު ތަކަށް ބަޖެޓު ސަޕޯޓު ބޭނުން ވާނެ. އެއީ ހަމައެކަނި ދިވެހި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން. އެހެން ޤައުމު ތަކުގައި ވެސް މިހާރު ފެނިވަޑައިގަންނަވާނެ އިންޑިއާގެ ވެސް ބޮޑެތި އެއާލައިން ތަކަށް ބޮޑެތި ސަޕޯޓު ދޭ. މިފަދަ ކެޕިޓަލް އިންވެސްޓްމަންޓުތައް ގެނައުމަށް ސަޕޯޓު ދިނުން އެއީ ކުންފުނީގެ މާލިއްޔަތަށް ގެއްލުން ވަމުން ދިޔުމެއް ނޫން.
 ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ އެ އެއާލައިން ތަކުގެ ސަބަބުން ޤައުމުގެ ރައްޔިތުންނާއި، ޤައުމުގެ އިޤްތިޞާދު އަދި ފަތުރުވެރި ކަމަށް އަންނަ ލުއި ފަސޭހަ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ. ނަަމަވެސް، އެ ސުވާލުގެ ތަފްސީލު ޖަވާބު އައިލެންޑް އޭވިއޭޝަން އިން ހޯދުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.