ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތަކަކީ ކޮމިއުނިސްޓް ސަރުކާރެއްގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް އެއްގޮތް ސިޔާސަތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުން ފާޅުގައި އެހެން ނުބުންޏަސް، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ފެންނަނީ ހުރިހާ ކަމެއް ސަރުކާރުގެ މުށުތެރެއަށްލާން މަސައްކަތްކުރާ ކޮމިއުނިސްޓް ވިސްނުމެއް ކަމަށެވެ. އެގޮތުން، އާންމު ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރު ވަދެ، ކަންމަތީ ފިހާރަ ހިންގުމާ  ޓެކްސީ ކުރުމާ އަދި އައިނު ހެދުން ފަދަ ކަންކަމަކީ ވެސް ސަރުކާރުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ކަނޑައަޅައިގެން އުޅުމަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އަލަށް އެކުލަވާލި ގަވާއިދަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އޮތީ މިނިވަން މާކެޓް  އިގްތިސާދެއް ކަމަށާއި، ނަމަވެސް މިހާރު ހުރިހާ ޑޮލަރެއް ގާނޫނަކުން މަޖުބޫރުކޮށްގެން އެމްއެމްއޭ އަށް ޖަމާކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަޅުގަނޑު ސީދާ ގަވަރުނަރާ ވެސް ސުވާލުކުރިން މި ޑޮލަރުގެ ކަންތަކުގައި. މާކެޓުން ކަނޑައަޅާ އަގުގައި ޑޮލަރު މާރުކުރުމުގެ ބަދަލުގައި، ސަރުކާރުން ހުރިހާ ޑޮލަރެއް އެމް.އެމް.އޭ އަށް ޖަމާކޮށްގެން ރައްޔިތުންނަށް ބަހާނެ ކަމަށް ބުނުމަކީ ފޮތުގައި ލިޔަން ރީތި ވާހަކައެއް. އެކަމަކު ހަގީގަތުގައި އެއީ އެއްވެސް ގައުމެއްގައި ކަން ހިނގާނެ ގޮތެއް ނޫން،
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު އިތުރަށް ވިދާޅުވީ، ސަރުކާރަށް ޑޮލަރު ފެނުމުން އެ ޑޮލަރުން ކުރަން ނުޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ޑޮލަރު ދޭނެ ކަމަށް ބުނެ އުންމީދުތަކެއް ދިން ނަމަވެސް، އެކަން ކުރެވެނީ މަދު ދުވަސްކޮޅަކު ކަމަށާއި، މިއީ ކޮމިއުނިސްޓް ސިޔާސަތުތައް ހުންނަ ގައުމުތަކުގައި ވެސް ކަންކަން ހިނގާ އުސޫލު ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މި ޕްރޮގްރާމްގައި ޝަމްހީދު ވަނީ މިނިވަން ވިޔަފާރީގެ ފުރުސަތު ހަނިކޮށް، ސަރުކާރުން ހުރިހާ ދާއިރާއަކަށް އަތްގަދަކުރުމުގެ ނަތީޖާ އިގްތިސާދަށް ހިތިވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.