އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބާއްވާ އެއް ހަފުތާގެ މުއްދަތަށް ދެމިގެންދާ މަޝްވަރާތައް ފަށައިފި އެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ ފުރަތަމަ ބުރު ހޯމަ ދުވަހު ފަށާފައިވާއިރު، މި ބައްދަލުވުންތައް ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ދެ ގައުމުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއެކު ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް އިންޑިއާ ސަރުކާރުން މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. ވާޗުއަލްކޮށް ކުރިއަށްގެންދާ މި މަޝްވަރާތައް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖޫން 29 އިން ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އައި.އެމް.އެފް.ޓީ.އޭ) މަސައްކަތްތައް ދެ ގައުމުންވެސް މިހާރު އަންނަނީ ވަރަށް ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ. މި އެއްބަސްވުމުގެ ދާއިރާތައް ކަނޑައެޅުމަށްޓަކައި އެކުލަވާލަންޖެހޭ "ޓާމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރް) އިންޑިއާގެ ކޮމާސް މިނިސްޓްރީ އާއި ދިވެހި ސަރުކާރުން މިހާރު ވަނީ ފައިނަލްކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އިސްކަންދޭނީ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމަށާއި، ވިޔަފާރީގެ ގަވާއިދުތައް ލުއިފަސޭހަކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ދެވޭ ޚިދުމަތްތަކާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމަށެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ ބައްދަލުކުރައްވައި، މި މަޝްވަރާތައް ކުރިއަށްދާ ގޮތް މުރާޖައާކުރައްވައި އެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދެ ގައުމުގެ ވަފުދުންވެސް ވަނީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފަ އެވެ.

ވިޔަފާރީގެ މި މަޝްވަރާތަކާއެކު، އިގްތިސާދީ އަދި މާލީ ގޮތުން ދެ ގައުމު ގުޅާލުމުގެ ފުޅާ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ރޫޕޭ (RuPay) ކާޑު ތައާރަފުކުރުމާއި، ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އިތުރުން، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫ.ޕީ.އައި) އިންޓަގްރޭޓް ކުރުން ހިމެނެ އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރާނެކަން ފުރަތަމަ އިއުލާނުކުރީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުން ވަނީ މިކަމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ އިގްތިސާދު ސިންދަފާތުކުރުމަށާއި، ވަކި ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެކެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ އެއް ބައިވެރިޔާގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސިއުމާ މާކެޓެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އެއް މާކެޓަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެ އެވެ.

ދިވެހި ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޗައިނާ އާ އެކު ވަނީ ހަދާފައެވެ. އެ އެއްބަސްވުމަށް މިހާރު އަމަލު ކުރަމުން ގެންދާއިރު، އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ފަރަގު ބޮޑު ދެ ގައުމުގެ ތެރެއިން ރާއްޖެ އަށް ވީ ފައިދާ އަދި ސަރުކާރަށް ސާފުކޮށްދެވިފައި ނުވާކަން ފާހަގަ ކުރެވެ އެވެ.