ތޫނު އެއްޗަކުން ހަމަލާ ދީ އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅުމުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިމުމަކާ ގާތްވެއްޖެ އެވެ.

 މި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި މި ޙުކުމް އިސްތިއުނާފުކޮށް، ދާދި ފަހުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް ނުވަތަ ޑައިންގ ޑިކްލަރޭޝަން އަށް ބިނާކޮށްގެންނެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ.

އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ޝިމާޒްގެ މައްޗަށް 15 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފަ އެވެ. އަދި ޝަހުމްގެ މައްޗަށް ވަނީ މަރުގެ އަދަބު އިއްވާފަ އެވެ.

އަދި މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ވަނީ ބާތިލުކޮށްފަ އެވެ. ވުމާއެކު، އެ ޙުކުމް ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅީ އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކަށްފަހު
މިހާރު ވަނީ މައްސަލަ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ހޯމަ ދުވަހުގެ
އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ، ފަނޑިޔާރުންގެ ސުވާލުތަކާ ގުޅިގެން އިތުރަށް
ސާފު ކުރަންޖެހޭ ކަންކަން ސާފު ކުރެއްވުމަށް އިތުރު އަޑުއެހުމެއް ބާއްވަވާނެ
ކަމަށެވެ. އަދި އެއަށްފަހު މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް
ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ
ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުންނެވެ.

މި މައްސަލައިގައި ޝަހުމް މެރުމަށް ކުރި
ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2022
ވަނަ އަހަރު އެވެ. މަރުގެ ހުކުމްތައް ކަށަވަރު ކުރުމަށް މަތީ ކޯޓުތަކުގައި
އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.