ދިވެހިރާއްޖޭގެ އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، މާލެ، މާލެއެއްގެ ގޮތުގައި އުފަން ކުރުވީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. 

ރާއްޖޭގެ ބޭރުގެ ދަރަނި 4 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައިރު، ގާތްގަނޑަކަށް އޭގެ 95 ޕަސެންޓް ދަރަންޏަކީ  މާލެ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ހޭދަ ކުރި ފައިސާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފައިސާއިން ރިޔަލް ސްޓޭޓް މާކެޓް ފުޅާ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ކުރީ ސަރުކާރުގައި ގޯތި ދިނުމާއި މި ސަރުކާރުން ހިއްކަން މަސައްކަތްކުރާ ރަސްމާލެ މަޝްރޫއާއެކު އިގުތިސާދުގެ މިއަދުގެ ހާލަތު ރަމްޒުކޮށްދޭ ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ އަގު 21 ރުފިޔާ އަށް އަރައި، ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވަނީ މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. 

މި މާލެއަށް ހުރިހާ އެއްޗެއް ޖަމާކުރީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. މި ފައިސާއިން އަޅުގަނޑުމެން މި މާލޭގައި ރިއަލް ސްޓޭޓް ބޮޑު ފުޅާކުރި، ނޫނީ މީގެ އަގު ބޮޑުކުރި. މި މާކެޓް ވެލޫއަށް ޖެއްސީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. އެހެންވީމާ، މި ފައިސާއިން މިކަން ކޮށްފައި އަޅުގަނޑުމެން މިއަދު، އަޅުގަނޑު ދައްކަން މި އުޅޭ ވާހަކައަކީ، އެއީ ކުރިން ހޭދަކުރި ގޮތް. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެމްޑީޕީގެ ސަރުކާރެއްގައި، އަޅުގަނޑަށް ނިސްބަތްވި ސަރުކާރެއްގައި، އެންމެ ފަހުން އަނެއްކާވެސް މާލޭ މީހުންނަށް ގޯތިދިނުމާއި، އަދި މި ސަރުކާރުން މިއަދު ހިއްކަން މި އުޅޭ ފުށި ދިއްގަރާއި، އެ ރަމްޒުކޮށްދެނީ ހަގީގަތުގައި މިއަދު މި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު، މި އޮތް ހާލަތަށް ވެއްޓުނީ. ހަގީގަތުގައި ގުޅިފައި ވަނީ މިކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ގައުމުގެ ހާލަތަށް ބަލާއިރު ވެސް، ދާއިމީ އެޑްރެސް މިހާރު އުވާލަން ޖެހޭ ކަަމަށެވެ. އަދި ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުން މިނެކިރަންޖެހޭނީ އެއް ހަމައެއްގައި ކަމަށެވެ.