މި ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް
އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ، އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ
ޖޭޕީމޯގަން ޗޭސް އެންޑް ކޯ އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރައީސް މިކަން ދޮގުކުރެއްވީ ހޯމަ ދުވަހު ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު
ދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން
ރައީސް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ
އެއްވެސް އަސާސެއް ނެތް "ގޮސިޕް" އެއް ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު
ވާހަކަތައް މުޖުތަމައުގައި ވަރަށް ބޮޑަށް ފެތުރިފައިވާކަން ފާހަގަކުރައްވައި، އެއީ
އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް
"ޕާލް ރެސިޑެންސް" ޕްރޮގްރާމް ހިންގުމަށްޓަކައި ބިމެއް ދޭން އުޅޭ ކަމަށް
ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަސްމާލޭގެ
އެއްވެސް ސަރަހައްދެއް އެފަދަ ޕްރޮގްރާމެއް ހިންގުމަށް އެއްވެސް ބަޔަކަށް ދިނުމަށް
ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން
ރައީސް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުގެ ކަންތަކުގައި ދެކެވޭ ވާހަކައަކީ ވެސް ތެދު
ވާހަކައެއް ނޫން ކަމަށެވެ. އަދި ޖޭޕީ މޯގަންއާ ގުޅުވައިގެން ދެކެވޭ ވާހަކައަކީ ވެސް
ހަގީގަތެއް ނޫން ކަމަށާއި، މިފަދަ ކަންކަމުގައި ވަރަށް ބޮޑަށް ދޮގު ވާހަކަތައް ފެތުރިފައިވާ
ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިވެލޮޕްމެންޓް ބޭންކްގެ ކަންތަކުގަ އެއީ ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައި ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް ވަރަށް ބޮޑަށް ފެތުރިފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ
މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމާއި،
ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުންކަމަށް
ބުނެފައިވީނަމަވެސް، މިއަދާ ހަމައަށްވެސް މި ބޭންކުގެ މަންފާ ރައްޔިތުންނަށް ނުކުރާކަމަށް
ބުނެ ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް ފައިސާ
ހޯދާ، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށް ސަރުކާރުން
ބުނި ނަމަވެސް، އެ މަސައްކަތް މިހާރު އޮތީ ކޮން މަރުހަލާ އެއްގައިކަންވެސް
ސަރުކާރަށް ބުނެއެއް ނުދެވެއެވެ.