ސަރުކާރުން ހިންގަމުންދާ ހައުސިންގ މަޝްރޫއުތަކުގެ
ބޮޑު އިންސައްތައެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް
މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މީގެ ކުރިން އެއްވެސް
ސަރުކާރަކުން ނުކުރެވި އޮތް ކަމެއް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން
ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިންގ ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓްތަކަށް
ނުވަތަ ހައުސިންގ ޔުނިޓްތަކަށް މީހުން ވައްދައިދިނުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން
ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަމަލީ ގޮތުން ފްލެޓް އެޅުމުގެ
އަދި ހައުސިންގ ޔުނިޓް އެޅުމުގެ ވަރަށް ބޮޑު ކުރިއެރުންތަކެއް މި އަހަރު ތެރޭގައި ފެނިގެންދާނެ
ކަމަށެވެ. އަދި ހައުސިންގ ވައުދަކީ އެންމެ ސަމާލުކަން ދީގެން ސަރުކާރުން ކުރަމުންދާ
ކަމެއް ކަމަށާއި، އެފޯޑަބަލް ހައުސިންގ ލޯން ސްކީމްގެ ތެރެއިން މި އަހަރުވެސް އެ ފުރުސަތު
ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ
ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ މަޝްރޫޢުތައް ހިންގަން ހަވާލުކޮށްފައިވާއިރު،
މިހާރު އެ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖައްސާދީ، އަމަލީ މަސައްކަތް
ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 2028 ގެ މެދަކާއި ހަމައަށް
ދާއިރު، ހައުސިންގ މަޝްރޫއުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ ކަމަށާއި، ހައުސިންގ
މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، މި ސަރުކާރުން އެ
މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެ 60 އިންސައްތައަށް
ހިއްކާ ނިމިފައިވާ ކަމަށާއި، އެ މަސައްކަތަށް މަޑުޖެހުމެއް އައީ ތެލުގެ ދަތިކަމާއި
ޚަރަދުގެ ދަތިކަން ކުރިމަތިވުމުން ކަމަށެވެ. އަދި މިއަހަރު ނިމެންވާއިރު އެ
މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދު ކުރެވޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 2028 ގެ މެދުތެރެއަށްދާއިރު،
މާލެ ސަރަޙައްދުގައި އަޅާ ހުރިހާ ފްލެޓެއް ނިންމޭނެކަމުގެ ފުރިހަމަ ޔަޤީންކަން
އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި
ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފްލެޓު ލިސްޓުވެސް ނެރުއްވާނެކަމަށެވެ.
2028 އަކީ ރިޔާސީ އިންތިޚާބު
އޮންނަ އަހަރަށްވާއިރު، އިންތިޚާބާ ދިމާކޮށް ސަރުކާރުތަކުގެ ފަހު އަހަރު ތެރޭގައި މަޝްރޫއުތަކުގެ
މަސައްކަތްތައް ހިނގާތީ އެކަމަށް ފާޑުކިޔުމަށްފަހު ވެރިކަމަށް އައިސް ރައީސް މުއިއްޒުވެސް
މި ކަންކަން ކުރައްވަނީ ހަމަ އެހެން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.