ދިވެހީން ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމު ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު މައުރޫފު ވިދާޅުވީ، ދިވެހީން ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނަ ކަމަށާއި، ކޮންމެ ރަށަކުން ވެސް ހިތާވާ މީހަކާ އިންނަމުންދާ ކަމަށެވެ.

އެހެންކަމުން އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމު ނޫން ކަމަށާއި، ފަސޭހައިން ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތަށް އޮންނަން ޖެހޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މައުރޫފު ވިދާޅުވީ ފަސޭހައިން ރަށްވެހިކަން ބަދަލުކުރެވޭ ކަމަށްވާނަމަ ތަރައްގީއަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ.

ރާއްޖެ 187 ރަށް ވަކިވަކިން ތަރައްގީ ކުރުމަކީ ސަރުކާރުތަކަށް އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ ތަރައްގީގެ ނަމުގައި ދިވެހި ރައްޔިތުން ޑިމާންޑުކުރާ ތަރައްގީ އަކީ ހަމައެކަނި އުމްރާނީ  ތަރައްގީކަން ދެކޭ ދެކުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސަރުކާރުތަކުން ވަރަށް ބޮޑަށް ޚާއްސަ ސަމާލުކަމެއް ދީގެން ރަށްވެހި ތަރައްގީގެ ނަމުގައި ނަމަވެސް މާލެ ސަރަހައްދަށް މީހުން އެއްކުރަމުން މި ދަނީ. މާލެ ސަރަހައްދަށް މީހުން ޖަމާވި. އަދި ސަރުކާރުގެ ނިޔަތް އެގޮތަށް އޮތްކަމުގައި ވިޔަސް، އަދި ނެއްކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަ ޓްރެންޑަކީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ހަމަ ފެން އޮތްތާކަށް މަސް ދުވާނޭ ބުނާ ފަދައިން، މާލެ ސަރަހައްދަށް ޖަމާވަމުންދާ މަންޒަރު. ވަޒީފާގެ ބޭނުމުގައި ވިޔަސް، ބޭސްފަރުވާގެ ބޭނުމުގައި ވިޔަސް، އަދި ދަރިންނަށް ތައުލީމު ދިނުމުގެ ބޭނުމުގައި ވިޔަސް، މި ސަރަހައްދަށް ޖަމާވަމުން މި ދަނީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ރައްޔިތުން ކުރާ ޑިމާންޑުތަކަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް އަންނަ ސިޔާސީ މޫސުންތަކުގައި ރައްޔިތުން ޑިމާންޑު ކުރަމުން ދަނީ ބަނދަރު އެޅުމާއި، ނަރުދަމާ އެޅުމާއި، ބޯޅަދަނޑު ހެދުންފަދަ އިންފްރާސްޓަކްޗަރގެ ތަރައްގީއަށް ކަމަށެވެ. 

ނަމަވެސް މިހާރު މިކަންކަމަށް ބަރޯސާނުވެ، ތަރައްގީގައި ވެސް އެހެން ލެވަލްއަކަށް ހިޖުރަ ކުރަން ޖެހޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ.