ލާމު އަތޮޅުގައި އަލަށް ތަރައްޤީކުރާ އެއާޕޯޓު
އެ އަތޮޅު އިސްދޫކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލެއް
ނާންނާނެ ކަމަށާއި، އެ އަތޮޅު މާވަށުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުގެ
ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާވަށުގައި އެއާޕޯޓު ނާޅާތީ އެ ރަށު ރައްޔިތުންގެ
މެދުގައި އޮތް ނުރުހުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން
ރައީސް ވިދާޅުވީ، ލާމު އަތޮޅުގެ ތިން ސަރަޙައްދަކުން އެއާޕޯޓެއް ބޭނުންވެގެން އެކަމަށް
އެދިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިކަމުގައި ގޮތެއް ނިންމުމުގައި ބަލާފައިވަނީ
އެންމެ ޚަރަދު ކުޑަކޮށް އަދި އިޤްތިސާދީ ގޮތުން އެންމެ ދެމެހެއްޓެނިވި ގޮތަކަށް އެ
މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްދޫކަލައިދޫގައި އެއާޕޯޓު
އެޅުމަށް ނިންމީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ވަރަށް ތަފްސީލީ ގޮތެއްގައި
ބަލަންޖެހޭ ކަންކަން ބަލައި ދިރާސާ ކުރުމަށްފަހުގައެވެ. އެހެންކަމުން، ސަރުކާރުން މިހާރު
ނިންމާފައިވާ ގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނީ އިސްދޫކަލައިދޫގައި ކަމުގެ
ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މާވަށުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުގެ
ނެތް ނަމަވެސް، އޭގެ މާނައަކީ އެ ރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިނުދިނުން
ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. މާވަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ
ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސް ވަނީ
ދެއްވާފަ އެވެ.

ލާމު އަތޮޅުގައި ތަރައްގީކުރުމަށް
ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމުމާ
ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި،
ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ.
އެގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި
ނިންމުން ހާމަކުރުމާ ގުޅިގެން، މާވަށުގައި ތިބި ސަރުކާރު ހިންގާ ޕީއެންސީގެ އާންމު
މެމްބަރުންނާއި ބައެއް ރައްޔިތުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

އެހެން ހުރިހާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ
ބޮޑަށް އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއްގެ ޚިދުމަތް ކަމަށާއި، އެއީ
ރަށުގެ އެކަހެރިކަން ނައްތާލުމަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށްވެސް އެ ރަށުގެ
ރައްޔިތުން ބުނެ އެވެ.

މި މައްސަލައިގައި ރަށުގެ ސިޔާސީ މަސްރަހު
ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި
މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު
އިންސައްތައެއްގެ ވޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދިން
ދާއިރާ އެވެ. އަދި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް
މަސައްކަތް ކުރީވެސް އެއާޕޯޓުގެ ބޭނުމުގައި ކަމަށް ރައްޔިތުން ބުނެ އެވެ.